ޚަބަރު

މަކުނުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި


  • މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއި

  • މި މަސައްކަތް 900 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ

ހދ.މަކުނުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މަކުނުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާާރާތުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަކުނުދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ސިއްޙީ ވަޒީރު އަބްދުﷲ ނާޘިމް އިބްރާހިމެވެ.

މި މަޝްރޫޢުއާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ އެރަށުގައި ތަރައްޤީކުރާ ސިއްޙީ މަރުކަޒު ތަރައްޤީ ވެގެންދާނީ އެންމެ މަތީ ފެންވަރުގެ ލެވެލް 4ގެ ސިއްޙީ މަރުކަޒެއްގެ ގޮތުގައި ކަމަށެވެ. އެއާއިއެކު ޖާގަ އިތުރުވެ ވަޞީލަތްތައްވެސް ޤާއިމްވާނެއެވެ. އަދި ސްޕެޝަލިސްޓު ޑޮކްޓަރުން މުހިންމު ދާއިރާތަކުން ޚިދުމަތްދީ، އެކްސްރޭއާއި ސްކޭނިންގެ ޚިދުމަތާއި ޑައިލިސިސްގެ ޚިދުމަތް ފަދަ މުހިންމު ޚިދުމަތްތައް ޤާއިމްވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މަކުނުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއިއެވެ. މިމަސައްކަތް 900 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭއިރު، މިމަޝްރޫއުގެ އަގަކީ 103.59 މިލިޔަން ރުފިޔާއެވެ.