ޚަބަރު

ފުރަތަމަ ޑިވިޝަނުން ވަކިވިކަން ސަސްއިން އެފްއޭއެމްއަށް އަންގައިފި


ކުރިއަށް އޮތް ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރެވެން ނެތްކަން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އަންގައިފިއެވެ.

އެފްއޭއެމްއިން މީޑިއާއާ ހިއްސާކުރި ބަޔާނެއްގައި ބުނެފައިވަނީ 2025/2025 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ވާދަކުރެވެން ނެތް ކަމަށް މި މަހުގެ 23 ވަނަ ދުވަހު ސަސްއިން އެ އެސޯސިއޭޝަނަށް އަންގާފައިވާ ކަމަށެވެ. އަދި އެ ކުލަބުގެ ބޯޑުގެ ނިންމުމުގައިވާ ގޮތުން އެ ނިންމުމަކީ ކުލަބުގެ މާލީ ހާލަތު ހުރިގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންކަމުން އެފްއޭއެމްގެ މުބާރާތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ކުލަބާ މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ސަސް އެންމެ ފުރަތަމަ ތިންވަނަ ޑިވިޝަނުގައި ކުޅުނީ 2016 ވަނަ އަހަރެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ތިންވަނަ ޑިވިޝަނުގެ ރަނަރަޕްކަން ހޯދައި އެ ޓީމު ވަނީ ދެވަނަ ޑިވިޝަނަށް ކޮލިފައިވެފައެވެ. އަދި އޭގެ ޖެހިގެން އައި 2019 ވަނަ އަހަރު ސަސް ވަނީ ދެވަނަ ޑިވިޝަނުގެ ފައިނަލުން ޖާގަ ހޯދައި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ފުރަތަމަ ޑިވިޝަނުން ސަސް ވަކިވުމާއެކު، އެ ޖާގަ ހޯދުމަށް ދެވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގައި 10 ޓީމު އޮންނާނެ ކަމަށް އެފްއޭއެމްއިން ފާސްކޮށްފައިވާއިރު، އެންމެ ފަހުން ބޭއްވި ދެވަނަ ޑިވިޝަންގެ ޗެމްޕިއަން އޮޑި ސްޕޯޓްސް ކުލަބާއި ރަނަރަޕް ވިކްޓަރީ ސްޕޯޓްސް ކުލަބު ވަނީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެފަ އެވެ.