ޚަބަރު

މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެއްވެސް ޝައުގުވެރިކަމެއް ހުންނަކަމެއް ނޫން: ރައީސް


  • އަޅުގަނޑުގެ އެއްވެސް ކޮންޓްރޯލެއް އޮންނަ ގޮތަކަށް މިކަން ކުރާކަށް ބޭނުމެއް ނޫންކަމަށް ވިދާޅުވި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބިލް އެމަނިކުފާނުގެ ކޮންޓްރޯލް އޮންނަ ގޮތަށް ފާސް ނުކުރަން ޕީއެންސީ ތަމްސީލް ކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަންގަވާފައިވާނެ ކަމަށް ރައީސުލް ޖުމްްްްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނޮޅިވަރަންފަރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު އެއްވެސް އިރެއްގައި ކުރިކަމެއް ނޫންކަމަށާއި އެއީ އެމަނިކުފާނު އެއްވެސް ޝައުގުވެރިކަމެއް ހުންނަ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް ޒިންމާދާރު ކަމާއި އެކީގައި ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި މިހާރު އަމިއްލަ މެންބަރަކު އެބަ އޮތް މީޑިއާއާ ބެހޭ ބިލެއް ހުށަހަޅާފައި، ސަރުކާރުގެ ޕާޓީގެ މެންބަރުންނަށް އަަޅުގަނޑު މިހާރު ވާނީ ދަންނަވާފައި އަޅުގަނޑުގެ އެއްވެސް ކޮންޓްރޯލެއް އޮންނަ ގޮތަކަށް މިކަން ކުރާކަށް ބޭނުމެއް ނޫނޭ، އެ ބިލްގައި ހުށަހަޅާފައި އެބަ އޮވޭ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރެކޭ އެ ބިލް ފާސްވެގެން ގާނޫނަކަށްވާއިރު އުފެދޭ ކޮމިޝަންގެ ރައީސަކަށް ހުންނާނީ. މިގޮތަށް އަޅުގަނޑެއް މިކަމެއް ނުކުރާނަން، އަޅުގަނޑު މިހާރު ދަންނަވާފައި ވާނީ، އެ އިސްލާހް ކުރާ މަރުހަލާއަކަށް ގޮސްފިނަމަ އިސްލާހް ކުރާއިރު އެ އުފެދޭ ކޮމިޝަންގެ ތެރެއިން ކޮމިޝަނުން ވޯޓުލައިގެން ނަގާ މީހެކޭ ރައީސަކަށް ވާނީ. "ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ކޮމިޝަންގެ ހަތް މެންބަރުންގެ ތެރެއިން ރައީސަކު ހޮވަން ބޭނުންވަނީ އެ ކޮމިޝަންގައި ތިބޭ މެންބަރުން ވޯޓުލައިގެންކަމަށެވެ. ރައީސް ވިދާޅުވީ އެއްވެސް ވަރަކަށް މީޑިއާއަށް ނުފޫޒު ފޯރުވާ ބަޔަކަށް ވާން ބޭނުންފުޅުނުވާ ކަމަށާއި މީޑިއާ ވާން ޖެހޭނީ މިނިވަންކަމާއެކު އޮޕަރޭޓް ކުރެވޭނެ ބަޔަކަށްކަމަށެވެ. ރައީސް ވިދާޅުވީ ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރާނީ ޒިންމާދާރުކަމައެކުކަމަށް ޤަބޫލުކުރައްވާކަމަށެވެ.

"އެއްވެސް ވަރަކަށް އަޅުގަނޑުގެ ކޮންޓްރޯލެއް އޮންނަ ގޮތަކަށް އެއްވެސް ކަމެއް އަޅުގަނޑު ބޭނުމެއް ނޫން މީޑިއާ ރެގިއުލޭޓް ކުރުމުގައިވެސް އަދި ބެލެހެއްޓުމުގައިވެސް އޮންނާކަށް، އަޅުގަނޑު ދެކޭ ގޮތުގައި އޮންނަންވާނީ ފުރިހަމަ މިނިވަންކަން އޮންނަ ގޮތަށް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ކަންކަން ފުރިހަމައަށް ގެންދިއުމުގައި އެންމެންގެ ޒިންމާތަކެއްވެސް އެބަ އޮތް ކަމަށެވެ. އެގޮތުން ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގެ ކަންކަން ކުރިއަށްގެންދާއިރުގައި، އެހެން ހުރިހާ ފަރާތްތަކުންވެސް އަދާ ކުރަން ޖެހޭ ޒިންމާތަކެއް އޮންނާނެ ކަމަށް ވިދާޅުވިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބުދުލް ހަންނާން އަބޫބަކުރެވެ. މި ބިލުގައި، މީޑިއާތަކާއި ވަކިވަކި ނޫސްވެރިންނަށް ބޮޑެތި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ވެސް ވަނީ ހިމަނާފައެވެ. އެ ބިލުގައިވާ ގޮތުން، މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ޚިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލްކުރެވޭނެއެވެ.