ޤައުމީ ދުވަސް ފާހަގަކުރުމަށް އުތީމުގައި ގިނަ ކުޅިވަރުތަކާއެކު ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ. މި ހަވީރަކީ އުތީމު ކައުންސިލާއި އެމްއެންޑީއެފާއި ނޮދަރން އޭރިއާ ފުލުހުންނާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ހަވީރެކެވެ.
ދިވެހި ބަހާ ސަޤާފަތާ ތަރިކައާ ބެހޭ ވަޒީރު ޢާދަމް ނަސީރު އިބްރާޙީމްވަނީ ކުޑަކުދިންގެ މިހަވީރު، ބައްލަވާލައްވާފައެވެ.
މި ހަވީރުގައި ވަނީ ސަޤާފީ ހުށައެޅުންތަކާއި، ދިވެހިންގެ އިހުގެ ސަޤާފަތް ތަޖުރިބާކޮށްލުމުގެ ފުރުޞަތުވެސް ލިބިގެން ގޮސްފައެވެ. އެގޮތުން އިހުގައި ދިވެހިންގެ ދިރިއުޅުމާއި، އޭރު ކުޅެއުޅުނު ބައެއް ކުޅިވަރުތައްވެސް ދައްކާލާފައިވެއެވެ.
ކުޑަކުދިންގެ ހަވީރުގައި ކުދިންގެ އެންމެ ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވަނީ، ވޯޓަރ ތީމް ކުޅިވަރުތަކަށެވެ. އެގޮތުން "ފޯމް" ޕާޓީއާއި ވޯޓަރ ސްލައިޑްގެ ކުޅިވަރު ތަޖުރިބާކޮށްލުމުގެ ފުރުޞަތު ކުދިންނަށް ވަނީ ލިބިގެންގޮސްފައެވެ.
ފުލުހުންގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ހަރަކާތަށް ތުއްތު ކުދިންގެ ވަރަށް ބޮޑު ޝަޢުގުވެރިކަމެއް ވަނީ ލިބިގެންގޮސްފައެވެ.
މި ހަރަކާތުގައި ތަފާތު އެކި ކުޅިވަރުތައް ކުޅުމުގެ ފުރުޞަތުވެސް ކުޑަކުދިންނަށް ވަނީ ލިބިގެންގޮސްފައެވެ. އެކި އުމުރުފުރާތަކުގެ ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތައް މީގެތެރޭގައި ހިމެނެއެވެ.
މި ހަވީރުގައި ތުއްތު ކުދިންނާއެކު އާއިލާތަކުންވެސް ވަނީ ބައިވެރިވެފައެވެ. އަދި ކުޑަކުދިންގެ ހަވީރުގައި ބައިވެރިވި ކުދިންނަށް ހަދިޔާވެސް ވަނީ ބަހާފައެވެ.