އަތޮޅުތައް

ކުޅުދުއްފުށީގައި ހަދާ އާޓިފިޝަލް ބީޗުގެ މަސައްކަތް ނިމެނީ


ކުޅުދުއްފުށީގައި ހަދާ އާޓިފިޝަލް ބީޗުގެ މަސައްކަތް ވަރަށް އަވަހަށް ނިމި ބޭނުންކުރަން ފެށޭވަރުވާނެ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ވިދާޅުވެއްޖެއެވެ. 800 މީޓަރު ދިގުމިނުގެ މި އާޓިފިޝަލް ބީޗް ހަދަނީ ކުޅުދުއްފުށީ ދެކުނު ކޮޅުގައި އޮންނަ ބޯޒިޔާރަތްކިޔާ ސަރަޙައްދުގައެވެ. މިއީ އަތޮޅު ތެރޭގައި ހައްދަވާ މިފަދަ ފުރަތަމަ އާޓިފިޝަލް ބީޗެވެ.

img:http://s3.psmnews.mv/images/660x400/14708143713316.jpg|ކުޅުދުއްފުށީގައި އާޓީފިޝަލް ބީޗް ތަރައްޤީކުރާ ސަރަހައްދު- ފޮޓޯ: ޕީއެސްއެމް

ކުޅުދުއްފުއްޓަކީ އުތުރުގެ އެންމެ އާބާދީ ބޮޑު އެއްރަށެވެ. ޒަމާނުއްސުރެވެސް، މޫދަށްއެރިލާނެ ރީތި މޫދެއް ކުޅުދުށްފުއްޓަކު ނޯވެއެވެ. އެހެންކަމުން ގިނަމީހުން މޫދަށް ދިއުމުގެ ބަދަލުގައި ޢާއިލާއާއެކު ވަގުތު ހޭދަކޮށްލާ ޕިކްނިކްގޮސް މަޖާކޮށްލަނީ ކުޅުދުއްފުށި ހިއްކި ސަރަހައްދުގައެވެ. އެހެންނަމަވެސް ގިނަބަޔަކު އެއްފަހަރާ މިސަރަޙައްދު ބޭނުން ކުރުމުގައިވެސް ދަތިތައް ކުރިމަތިވެއެވެ. މިކަން ޙައްލުކޮށްދިނުމުށް ސަރުކާރުވަނީ ކުޅުދުއްފުށީ ދެކުނު ސަރަޙައްދުގައި އާޓިފިޝަލް ބީޗެއް ހެއްދެވުމުގެ މަސައްކަތް ފަށްޓަވާފައެވެ. މި މަސައްކަތުގައި މިހާރު ރިވެޓްމަންޓްގެ ވެސް 100 މީޓަރު ނިމިފައިވާ ކަމަށާއި އަދި ބްރޭކްވޯޓާގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް ކުޅުދުއްފުށީ ކައުންސިލް މެމްބަރ އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. އެއްއަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ކުރިއަށްގެންދަވާ މި ޕްރޮޖެކްޓަށް 30 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް ކުޅުދުއްފުށީ ކައުސިލުން ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14708144676704.jpg|ކުޅުދުއްފުށީގައި އާޓީފިޝަލް ބީޗް ތަރައްޤީކުރާ ސަރަހައްދު- ފޮޓޯ: ޕީއެސްއެމް

މި ބީޗް ހައްދަވާ ބޯޒިޔާރަތް ކިޔާ ސަރަޙައްދަކީ ކުރިންވެސް މީހުން މޫދަށް އެރި އުޅުނު ސަރަޙައްދެކެވެ. ކެޕިޓަލް އިންވެސްޓްމެންޓް އެންޑް ފައިނޭންސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި ބީޗްގެ މަސައްކަތް ނިމޭއިރު، މޫދަށް އެރޭ ސަރަޙައްދުގެ ގޮތުގައި 60 ފޫޓާއި 100 ފޫޓްގެ ސަޙަރައްދެއް ހެދިގެންދާނެ ކަމަށާއި، ބީޗުގެ ގާތައް ނަގައި އެތަނަށް ވެލިއަޅާ ރީތި ކުރެވި، އަދި އެސަރަޙައްދު ގިރުން ހުއްޓުވުމުގެ ގޮތުން ބޭރު ތޮށިން އެތެރެއަށް ވާގޮތަށް ތޮށްޓަކާއެކު 710 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމަށް ހަމަޖެހިފައިވާ ކަމަށް ކުޅުދުއްފުށީ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

އަތޮޅު ތެރޭގައި ހައްދަވާ ފުރަތަމަ އާޓިފިޝަލް ބީޗާއެކު ކުޅުދުއްފުށި ތާރީޚުގެ ތެރެއަށް ވަދެގެންދާނެއެވެ. ކުޅުދުއްފުށީގައި އާރޓިފިޝަލް ބީޗެއް ހެދުމުގެ އިންތިޒާރުގައި ތިބި އެރަށު ރައްޔިތުން ބުނަމުންދަނީ މީހާރު އެރަށުގައި މޫދަށް އެރޭނެ ތަނެއް ނެތުމުން ދިމާވާ މައްސަލައަށް މިބީޗް ހެދުމުން ޙައްލެއް ލިބިގެންދާނެ ކަމުގެ އުއްމީދުގައި ތިބި ކަމަށެވެ.