ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ހދ. ހަނިމާދޫއަށް ވަޑައިގެންފި


  • މިއީ މި ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 3 ވަނަ ރަށް

  • އެރަށުގެ ކައުންސިލާއި ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހަނިމާދޫއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހަނިމާދޫއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ޢާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. މިއީ ހދ. އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު ކުރައްވާ ޒިޔާރަތުގެ ތެރެއިން ވަޑައިގެންނެވި ތިންވަނަ ރަށެވެ.

ހަނިމާދޫއަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގެ ތެރެއިން ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ރައްޔިތުންނާ ބައްދަލުކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހދ. އަތޮޅުގެ ރަށްރަށަށް ކުރައްވާ 4 ދުވަހުގެ މި ދަތުރުފުޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށަށް އެ މަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެ ގޮތުން ހަނިމާދޫ، ނައިވާދޫ، ފިނޭ، ހިރިމަރަދޫ، ނެއްލައިދޫ، ނޮލިވަރަންފަރު، ކުރިނބީ، ނޮޅިވަރަން، ކުޅުދުއްފުށި، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ އަދި މަކުނުދޫ އަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.