ޚަބަރު

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ވަކި ޚުދޫދެއްގެ ތެރޭގައި އޮންނަންޖެހޭ ކަމެއް: ރައީސް


  • ރައީސުލްޖުމްހޫރިއްޔާ ވަނީ އިހުގެ ރިވެތި ސިފަތައް ދިރުވައި އާލާކުރުމަށް ގޮވާލައްވާފައި

  • އަތާއި ދުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުސްލިމަކަށްވީތީ ވާޖިބެއްކަމަށް ވިދާޅުވީ

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ވަކި ޚުދޫދެއްގެ ތެރޭގައި އޮންނަން ޖެހޭ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހއ. އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ޢަބްޠާލުން އިހުގައި ހޯއްދަވައިދެއްވާފައިވާ ދިވެހި ވަންތަކަން މުސްތަޤްބަލުގެ ޖީލުތަކަށް ފޯރުކޮށްދޭން އިސްކަން ދޭންޖެހޭ ކަމަށެވެ. އެގޮތުން އެމަނިފާނު ވަނީ އިހުގެ ދިވެހީންގެ ކިބައިގައި ހުރި ރިވެތި އާދަތަކާއި ސިފަތައް އަލާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެ ސިފަތައް އިޔާދަކޮށް ދިރުވާ އަލާކުރުމަށް އަޒުމު ކަނޑައެޅުއްވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

" ޤައުމީއްޔަތަކީ ދިވެހިވަންތަކަށް އިސްލާމް ދީނަށް ޚުރުމަތްތެރިކޮށް ހިތުން. ދިވެހި ބަހަށް ޚުރުމަތްތެރިކޮށް ހިތުން ރީތި އާދަ ކާދަތަކަށް ޚުރުމަތްތެރިކޮށް ހިތުން. އަޅުގަނޑުމެން ކޮންމެ މީހަކުގެ ބޮލުގައި ވެސް ދިވެއްސަކަށްވީތީ މިކަމުގެ ޒިންމާ އެޅިފައި އެބައޮތް. އަޅުގަނޑު އަޒުމު އައު ކުރަންވީ މިކަމަށް. އަޅުގަނޑުމެންގެ ޒިންމާތައް ގުޅިފައި އޮތީ މިކަމާޢި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެއްވެސް މީހެއްގެ އަބުރާއި އިއްޒަތަށް އަރައިގަތުމަކީ، އަނެކާއަށް ލިބިދީފައިވާ ހައްޤެއް ނޫންކަމަށް ވިދާޅުވިއެވެ. ނަމަވެސް މިއަދު ފެންނަ މަންޒަރަކީ އެކަކު އަނެކަކަށް ބެލުމެއް ނެތި އަބުރަށް އަރައިގަތުންކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ދިވެހި އަބްޠާލުން ދިވެހި ޤައުމު ހިމާޔަތްކޮށް މިހާ ހިސާބަށް ގެނެސްފައިވަނީ މިކަމަށް މަގުފަހި ކުރުމަށް ނޫން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ކަމެއްވެސް އޮންނަން ޖެހޭނީ ވަކި ޚުދޫދެއްގެ ތެރޭގައި ކަން ފާހަކުރައްވާފައެވެ. އަދި މުސްލިމަކަށްވީތީވެސް އަތާއި ދޫ ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެވެސް ވާޖިބެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކާއި ދުލުން ބަހެއް ބޭރުވުމަށް ފަހު އެ ތިމާއަކީ އެބަހެއްގެ އަޅެއްކަން. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނޫނީއްޔާ ކޮންމެ ވާހަކައެއް ބުނުމުގެ މިނިވަންކަމަކީ ވަކި ޚުދޫދެއްގެ ތެރޭގައި އޮންނަންވާނެ ކަންކަން. ތިމަންނަ ކުރައްވާ ކަންކަމަކީ ހައްޤުތަކަކީ ވަކި ޚުދޫދުތަކެއް ތެރޭގައި އޮންނަންވާނެ ކަންކަން. ކޮންމެ ރައިޓަކީވެސް ލިމިޓެއްގެ ތެރޭގައި އޮންނަންވާނެ ކަންކަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިކަންކަމަށް ސަމާލުކަން ނުދީފިނަމަ ދިވެހި އަބްޠާލުން ހޯދައިދެއްވާފައިވާ ދިވެހިވަންތަކަން ގެއްލިގެން ހިނގައިދާނެ ކަމަށާއި މިއީ މިފަދަ ދުވަހެއްގައި ސަމާލުކަން ދޭން ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.