ދިވެހިންގެ ހަށިގަނޑުގައި ޖަހާ ޤައުމީ ވިންދު ހަނދާންކޮށްދެނީ ޤައުމީ ބަޠަލުންގެ ޢަޒުމާއި ހިތްވަރުން ޢިބުރަތް ޙާޞިލުކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަހަރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓުގައެވެ.
މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ބޮޑުތަކުރުފާނުގެ އަގުހުރި ޤައުމީ ޖިހާދުގެ ނަޞްރާއި ކާމިޔާބީއަށް 466 އަހަރު ފުރިފައިވާއިރު، އެ ޒިކުރާތަކާއި އެ ތަކުރުފާނު ހޯއްދެވި ފަޚުރާއި ޝަރަފު ދިވެހީންގެ ހިތްތަކުގައި ތާޒާކަމާއެކު އަދިވެސް ދިރެމުންދާ ކަމަށެވެ. އަދި ދިވެހީންގެ ހަށިގަނޑުގައި ޖަހާ ޤައުމީ ވިންދު އަބަދުވެސް ހަނދާންކޮށްދެނީ، މި ޤައުމުގެ ޙައްޤުގައި ޖިހާދުކުރެއްވި އަގުހުރި ބަޠަލުންގެ ޢަޒުމާއި ހިތްވަރުން ޢިބުރަތް ޙާޞިލުކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޤައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ދަންނަވަނީ އަބަދުވެސް ޤައުމުދެކެ ލޯބިވާ، ޤައުމިއްޔަތާއި މިނިވަންކަން ދަމަހައްޓާ ބައެއްގެ ގޮތުގައި ދިވެހީން ދެމި ތިބޭނެކަމުގެ ޢަޒުމު އާކުރަމުންކަމަށް ރައީސް ވިދާޅުވިއެވެ.
ބޮޑުތަކުރުފާނުގެ އަގުހުރި ޤައުމީ ޖިހާދުގެ ނަޞްރާއި ކާމިޔާބީއަށް 466 އަހަރު މިއަދު ފުރުނު އިރު، އެ ޒިކުރާތަކާއި އެ ހޯއްދެވި ފަޚުރާއި ޝަރަފް ދިވެހީންގެ ހިތްތަކުގައި ދަނީ ތާޒާކަމާއެކު ދިރެމުން.
— Dr Mohamed Muizzu (@MMuizzu) August 24, 2025
ދިވެހީންގެ ހަށިގަނޑުގައި ޖަހާ ޤައުމީ ވިންދު އަބަދުވެސް ހަނދާންކޮށްދެނީ، މި ޤައުމުގެ… pic.twitter.com/qp0fE0FR2D
ރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުން އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުން، ރާއްޖެ މިނިވަންކޮށްދެއްވި ދުވަހާ ގުޅުވައިގެންނެވެ. އެ ދުވަހަކީ ހިޖުރީ ގޮތުން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ.
މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށްވެސް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެ ގޮތުން މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ޤައުމީ ދުވަހުގެ ބަޠަލު މުޙައްމަދު ތަކުރުފާނުގެ އުފަން ރަށްކަމުގައިވާ ހއ. އުތީމުގައެވެ. ޤައުމީ ދުވަހުގެ ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ އިނާމު ދިނުން އޮންނާނެއެވެ.