ޚަބަރު

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި


  • މިރަސްމިއްޔާތު އޮތީ ޖުމްހޫރީ މައިދާނުގައި

  • ދިދަ ނެގުމަށްފަހު، ޚާއްސަ ދުޢާއެއްކުރުން އޮތް

މިއަހަރުގެ ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަނލުން ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތު އޮތީ ޖުމްހޫރީ މައިދާނުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަނލުންނާއި ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ މީހުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ޤައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތު މާލޭއާއި ރަށްރަށުގައި ބޭއްވީ މިއަދު ހެނދުނު 6:00 ގައެވެ. ދިދަ ނެގުމަށްފަހު، ޚާއްސަ ދުޢާއެއް ކުރުން އޮތެވެ.

ރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުން އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޒަމް، ރާއްޖެ މިނިވަންކޮށްދެއްވި ދުވަހާ ގުޅުވައިގެންނެވެ. އެ ދުވަހަކީ ހިޖުރީ ގޮތުން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ.

މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށްވެސް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެ ގޮތުން މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ޤައުމީ ދުވަހުގެ ބަޠަލު މުޙައްމަދު ތަކުރުފާނުގެ އުފަން ރަށްކަމުގައިވާ ހއ. އުތީމުގައެވެ. ޤައުމީ ދުވަހުގެ ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ އިނާމު ދިނުން އޮންނާނެއެވެ.