ކުޅިވަރު

ބާސެލޯނާ ސީޒަން ފެށި ގޮތާ މެދު ނުވިސްނަން: އަލޮންސޯ


ސްޕެއިންގެ އެންމެ ވާދަވެރި ކުލަބު ބާސެލޯނާއިން ސީޒަން ފެށި ގޮތާ މެދު އެއްގޮތަކަށްވެސް ނުވިސްނާ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ޒަބީ އަލޮންސޯ ބުނެފިއެވެ.

މި ދެ ޓީމުގެ ތެރެއިން ބާސެލޯނާ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. ރެއާލް މެޑްރިޑް ކުޅުނު ހަމައެކަނި މެޗުން މޮޅުވެވުނީ ކިރިޔާ އެވެ.

މިކަމާ ބެހޭ ގޮތުން ކޯޗު ޒަބީ އަލޮންސޯ ބުނީ ބާސެލޯނާގެ ކަންކަމާ އޭނާ ނުވިސްނާ ކަމަށެވެ.

"އަހަރެން ކަންބޮޑެއް ނުވޭ (ބާސެލޯނާއަށް ވުރެ ފަހތުގައި) އޮތީތީވެ. އަހަރެން ކަންބޮޑުވަނީ އަހަރުމެން ކޮންމެ ދުވަހަކު ކުރަންޖެހޭ ކަންކަން ނުކުރެވިދާނެތީވެ. އަހަރުމެން ދަނީ މެޗަކަށްވުރެ މެޗެއް ރަނގަޅު ކުރަމުން،" އަލޮންސޯ ބުންޏެވެ.

އޭނާ އަދި ބުނީ ބާސެލޯނާ އަކީ ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ކަމަށާއި އެ މަގާމަށް ދިއުމަށް ރެއާލް މެޑްރިޑުން ކުރަންޖެހޭ ކަންކަން ބަރާބަރަށް ކުރާނެ ކަމަށެވެ.

ނަމަވެސް ސްޕޭނުގެ ގިނަ ނޫސްވެރިންގެ ނަރަޒުގައި އަލޮންސޯ ހަވާލުވި ފަހުން ރެއާލް މެޑްރިޑަށް އަދި މާބޮޑު ކުރިއެރުމެއް ނުލިބެ އެވެ. އޭނާ ޓީމާ ހަވާލުވީ ހުސްވި ސީޒަނުގައި ތައްޓެއް ނުލިބި ރެއާލް ސީޒަން ނިންމާލުމުންނެވެ. މިއާ ހިލާފަށް ބާސެލޯނާއިން ވަނީ ހުސްވި ސީޒަނުގައި ތިން ތަށި ހޯދައިފަ އެވެ. މާލީ މައްސަލަތަކާ ހުރެ ކުޅުންތެރިން ރަޖިސްޓަރީ ކުރުމުގައި މައްސަލަތަކެއް ހުއްޓަސް ބާސެލޯނާގެ ނަތީޖާތައް ވަރަށް ރަނގަޅެވެ.

އައު ސީޒަނަށް ބާސެލޯނާ އަށް ގެނެސްފައިވަނީ ތިން ކުޅުންތެރިއެކެވެ. މީގެ ތެރެއިން ރޫނީ އަދިވެސް ރަޖިސްޓަރީ ކުރެވިފައިނުވެ އެވެ. ނަމަވެސް ރެއާލް މެޑްރިޑާ ގުޅުނު ހުރިހާ ކުޅުންތެރިން ވަނީ ރަޖިސްޓަރީކޮށްފަ އެވެ.