މިއަހަރުގެ ޤައުމީ ދުވަހާ ގުޅިގެން ޤައުމީ ދިފާޢީ ބާރުން ބާއްވާ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު މާލޭގައި އޮންނާނެއެވެ. ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ މި ހިނގާލުން ފަށާނީ މާދަމާ ހަވީރު 4:30 ގައި ބަންޑާރަކޮށިން ކަމަށެވެ.
ހިނގާލުމުގައި ޖުމްލަ 4 ތަނެއްގައި ލަޝްކަރު ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެވެ. އަދި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށްކަމަށްވެސް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެވެ.
ކޮންމެ އަހަރެއްގެވެސް ރަބީޢުލްޢައްވަލްމަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ފަޙުރުވެެރި "ޤައުމީ ދުވަސް"ގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރަނީ 15 އަހަރާއި 6 މަސް ދުވަހަށްފަހު، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ހޯދި ނަޞްރާ، އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބަންޑާރައިންނާއި އެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ބަޠަލުންގެ ހަނދާނާ ޒިކުރާ އާކުރުމަށެވެ.