މާފަންނު ކުޅިވަރު އެކުވެނީގައި ބޭއްވި މަޖީދިއްޔާ ސްކޫލުގެ އިންޓަރ ހައުސް ސްޕޯޓްސް ފިއެސްޓާއާއެކު އެންމެ ބޮޑު އުފާވެރިކަމެއް ލިބުނީ އެ ސްކޫލުގެ ދަރިވަރުންނަށެވެ. އެ ސްކޫލުގައި މިފަދަ ކުޅިވަރު ހަރަކާތެއް ނުބޭއްވި ދިގު މުއްދަތެއް ފާއިތުވުމާ ގުޅިގެން މިބޭއްވުނު ސްޕޯޓްސް ފިއެސްޓާ ވެގެންދިޔައީ އެކުދިންގެ ވަރަށް ދުވަސްވީ ހުވަފެނެއްގައި ކުލަޖެހި، އެކުދިންނަށް ވަރަށް ބޮޑު އުފާވެރިކަމެއް ގެނުވި ދުވަހަކަށެވެ.
މަޖީދިއްޔާ ސްކޫލުގެ ގްރޭޑް 6 އިން 10 އާ ހަމައަށް ކިޔަވަމުންދާ 650 ވަރަކަށް ކުދިން މި ހަރަކާތުގައި ބައިވެރިވެފައިވާއިރު، މިފަދަ ހަރަކާތެއް ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ކުދިންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދައިދީ، ކުދިންގެ މެދުގައި އޮންނަ އެކުވެރިކަން ބަދަހިކޮށް، ދަރިވަރުންނާ މުދައްރިސުންގެ މެދުގައި އޮންނަ ލޯތްބާއި ގާތްކަން އިތުރަށް ބަދަހިކުރުމެވެ.
ދެދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފިއެސްޓާގައި އިސްވެ ހަރަކާތްތެރިވަމުން އަންނަނީ ސްކޫލުގެ މަތީ ޕޯސްޓުތައް އަދާކުރަމުން އަންނަ ދަރިވަރުންނެވެ. މިގޮތުން ސްކޫލުގެ ކެޕްޓަނުންނާ، ހައުސް ކެޕްޓަނުންގެ އިތުރުން ޕްރިފެކްޓުން އަންނަނީ މި ފިއެސްޓާ އެންމެ ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމުގެ ބުރަ ބޮޑު ޒިންމާ ޝައުގުވެރިކަމާއެކު އަދާކުރަމުންނެވެ.
މަޖީދިއްޔާ ސްކޫލުގެ ސްޕޯޓްސް ފިއެސްޓާގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ހަރަކާތްތެރިވަމުން އަންނަ އެ ސްކޫލުގެ ކެޕްޓަން ޒީކް ހުސައިން ނާސިހް ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުނީ އެހާ ގިނަދުވަހަށްފަހު މިފަދަ މުބާރާތެއް ބޭއްވޭތީ ވަރަށް އުފާވެރި އިހުސާސްތަކެއް ކުރެވޭކަމަށެވެ. މިމުބާރާތުގެ ސަބަބުން ހުރިހާ ދަރިވަރުންނަށްވެސް އުފާވެރިކަމެއް ގެނުވައިފިކަމަށް އޭނާ ފާހަގަކުރިއެވެ. ޒީކް ބުނީ މިއީ އޭނާ މަޖީދިއްޔާގައި ހޭދަކުރި ދުވަސްތަކުގައި އިންޓަ ހައުސް ކުޅިވަރު މުބާރާތެއްގައި ބައިވެރިވެލަން ލިބުނު ހަމައެކަނި ފުރުސަތުކަމުން މުބާރާތުގައި ވާދަކޮށްލަން ހުރީ ކެތްމަދުވެފައިކަމަށެވެ.
ޒީކް މިމުބާރާތުގައި ވާދަކުރަނީ ތުރީ ލެގްޑް ރޭހުގައެވެ. ރޭހަށް ތައްޔާރުވުމުގެ ގޮތުން އެކުވެރިއަކާއަކު ފަރިތަކުރުންތައް މީގެ ދެ ހަފްތާކުރިން ފެށިކަމަށާ އެންމީދަކީ ރޭހުން ވަނައެއް ހޯދުންކަމަށް ގްރޭޑް 10ގެ ދަރިވަރު ބުންޏެވެ.
"މިހާ ގިނަ ދުވަސްކޮށްފަ މިމުބާރާތް ބޭއްވުނީމަ ވަރަށް އުފާވެރި އިހުސާސްތަކެއް ކުރެވެނީ. އަޅުގަނޑުގެ ފަރާތުންނާއި އަދި ސްކޫލުގެ ހުރިހާ ދަރިވަރުންގެ ފަރާތުންވެސް ވަރަށް އުފާވެރި މޫނުތަކެއް ފެނިގެންދިޔައީ މިމުބާރާތް ބޭއްވީތީ. އެއީ އަޅުގަނޑުވެސް މި ސްކޫލުގައި ހޭދަކުރި 10 އަހަރުގެ ތެރޭގައި އިންޓަ ހައުސް މުބާރާތެއްގައި ބައިވެރިވުމަށް ލިބުނު ފުރަތަމަ ފުރުސަތު މިއީ. އެހެންވީމަ ވަރަށް އުފާވޭ އަސްލު. އަޅުގަނޑު ބައިވެރިވެގެން މިއުޅޭނީ ތުރީ ލެގްޑް ރޭސްގައި އަޅުގަނޑު ރައްޓިއްސަކާއި އެއްކޮށް. ދެން ވަރަށް މަޖާވާނެކަމަށް އުންމީދު މިކުރަނީ. ދެން އޮފްކޯޒް ވަނަ ހޯދަން ބޭނުންވަނީ" ސްޕޯޓްސް ފިއެސްޓާ ފެށުމުން އުފަލުންހުރި ޒީކް ބުންޏެވެ.
މަޖީދިއްޔާގެ ޑެޕިއުޓީ އެކްޓިވިޓީ ކެޕްޓަންކަން ކުރަމުން އަންނަ އާމިނަތު އަލްޔާ އިސްމާޢީލްވެސް ސެކް ރޭހުގައި ބައިވެރިވެ ފޮނި އުންމީދަކާއެކު ހުރި އިރު، އޭނާ ބުނީ އެންމެ ކުޑައިރުންސުރެ އިންޓަ ހައުސް މުބާރާތެއްގައި ވާދަކޮށްލުމުގެ ޝައުގުވެރިކަން ހުރިކަމަށެވެ. އެހެންނަމަވެސް އެފުރުސަތު ނުލިބިވަނިކޮށް މިއަހަރު މިމުބާރާތް ބޭއްވުމުން ވަރަށް އުފާވެއްޖެކަމަށް އަލްޔާ ބުންޏެވެ. އަދި މިހާރުވެސް އޭނާއަށް އިހުސާސްކުރެވެނީ ހުވަފެނެއްގައި އުޅެވޭ ފަދަ "އަންރިއަލިސްޓިކް" އިހުސާސެއްކަމަށް އޭނާ ބުންޏެވެ. މިމުބާރާތް އިންތިޒާމުކުރުމުގައި އުޅެލަން ފުރުސަތު ލިބުމަކީ ލީޑަރޝިޕް އަދާކުރުމަށް ލިބުނު ފަހި ފުރުސަތެއްކަމަށް އޭނާ ސިފަކުރިއެވެ. އަދި މިއީ އެހެން ދަރިވަރުންނާއެކު އެކުވެރިކަން އާލާކޮށް ކުޅިވަރު ކުޅެލަން ލިބުނު ފުރުސަތެއްކަމަށް ގްރޭޑް 10ގެ ދަރިވަރު ބުންޏެވެ.
"އަސްލު މިހެން މިވާއިރުވެސް ހިއެއްނުވޭ އަސްކު މިކަންތައް ހިނގާކަމެއްވެސް. އެހާވެސް އަންރިއަލިސްޓިކް. ބަޓް ވީ މޭޑް އިޓް ރިއަލް. އަސްލު ބުނަންޏާ ލީޑަރޝިޕް ވަރަށް ބޮޑަށް އެބަ އަދާކުރެވޭ. ހަމަ އެއާއެކީގަ އެއްކަލަ ކުދިންނާ އެކީ ގުޅުންބަދަހިކޮށް ކުޅިވަރު ކުޅުމަށް އެބަ ފުރުސަތުލިބިގެންދޭ. ކިޔެވުމުގެ އިތުރުން އަޅުގަނޑުމެންގެ ހުނަރުތައް ދައްކާލުމަށް ލިބޭ ފުރުސަތެއް މިއީ" ސެކްރޭހުން ކާމިޔާބު ހޯދުމަށް ވަރުގަދަ އަޒުމެއްގައި ހުރި ދަރިވަރު ބުނީ އޭނާގެ ހައުސްކަމަށްވާ ހުރަވީއަށް ކާމިޔާބަށް އެދޭކަމަށެވެ.
ތުރީ ލެގްޑް ރޭހަށް ތައްޔާރުވެގެންހުރި ޔޫސުފް ރަޔާން އަހުމަދުވެސް ބުނީ މިމުބާރާތުގެ ސަބަބުން ކުދިންގެ މެދުގައި އެކުވެރިކަން އާލާވެއްޖެކަމަށެވެ. ދިގު މުއްދަތަކަށްފަހު ސްކޫލުން ވަކިވެގެން ދިއުމުގެ ކުރިން މިފަދަ ފުރުސަތެއް ލިބުނީތީ ވަރަށް ބޮޑަށް ޝުކުރެވިވާކަމަށް ރަޔާން ބުންޏެވެ.
"ހަގީގާތުގައި އަޅުގަނޑު ވަރަށް އުފާވޭ މަޖީދިއްޔާ ސްކޫލުގެ ތާރީޚުގެ ތެރެއިން 19 އަހަރުގެ ދިގު މުއްދަތަކަށްފަހު މިކަހަލަ މުބާރާތެއް މިބޭއްވެނީ. އެހެންކަމުން އަޅުގަނޑު ދެކޭގޮތުގައި މިއީ ސްކޫލުން ބޭރަށް ނުކުމެލާ ކުލާހުން ބޭރުގައި ކުދިންގެ މެދުގައި އޮތް ގުޅުންތައް ވަރުގަދަކޮށްލުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް. ކުޅިވަރާ މަޖަލުގެ ތެރެއިން ކުދިން ވަރަށް ބޮޑަށް ގުޅޭނެ" ރަޔާން ބުންޏެވެ.
މީގެ އިތުރުން ރަޔާން ބުނީ މިމުބާރާތުގެ ސަބަބުން ކުދިންގެ ހުނަރުތައް ފެނިގެންދާނެކަމަށް ގަބޫލުކުރާކަމަށެވެ. އަދި އެހުނަރުތައް ތަރައްގީކޮށް ކުރިއެރިވުމަށް މިމުބާރާތް އެހީވެދޭނެކަމަށެވެ. އެހެންކަމުން ސްޕޯޓްސް ފިއެސްޓާ ބާއްވައިދިނީތީ ސްކޫލުގެ ޕްރިންސިޕަލާ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާކަމަށް އޭނާ ބުންޏެވެ.