ކުޅިވަރު

އައިޓީއެފް ޖޭ30: އާރާ ފައިނަލަށް، ނަބާ، ނޫހް އަދި ދާއޫދު ސެމީއަށް


ރާއްޖޭގައި ކުރިޔަށްދާ އައިޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން ޖޭ 30 ގައި ވާދަކުރަމުން އަންނަ ކުޅުންތެރިންގެ ތެރެއިން ޑަބަލްސް ކެޓަގަރީގެ ފައިނަލުން ރާއްޖޭގެ އާރާ އާސަލް އާޒިމުގެ ޕެއާ ޖާގަ ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލްގައި އާރާ އާއި އޭނާގެ ޕާޓްނަރ ތައިލޭންޑްގެ ޓެރީޓާ ހޮންގޔޮންގެ ޕެއާ ވާދަކުރީ ފްރާންސްގެ ދެ ކުޅުންތެރިންނާއެވެ. އެ މެޗު އާރާގެ ޕެއާއިން ކާމިޔާބުކުރީ 2 ސެޓުންނެވެ. މި މެޗުގެ ސެޓުތައް އާރާ އާއި ހޮންޔޮންގ ކާމިޔާބުކުރީ 6-1 އަދި 7-5 ންނެވެ. އާރާ ބުނީ ފައިނަލަށް ނިކުންނާނީ ޗެމްޕިއަންކަން ހޯދުމުގެ އަޒުމުގައި ކަމަށެވެ.

މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ނަބާ ނިޝާން ވަނީ ސިންގަލްސްގެ ގަދަ ހަތަރެއްގައި ހިމެނި ސެމީ ފައިނަލްގެ ޖާގަ ހޯދާފައެވެ. މާދަމާ ހެނދުނު 9:00 ގައި ކުޅެން ހަމަޖެހިފައިވާ ސެމީ ފައިނަލްގައި ނަބާ ނިކުންނާނީ ކޮރެއާގެ ސިއުންޔަންއާއި ދެކޮޅަށެވެ. ނަބާ ބުނީ މުބާރާތުގެ މިހާ ހިސާބަށް އާދެވުމަކީ ބޮޑު އުފަލެއް ކަމަށާއި މާދަމާގެ މެޗަށް ނިކުންނާނީ ފައިނަލަށް ދިއުމުގެ އަމާޒުގައި ކަމަށެވެ.

ނަބާ ސެމީ ފައިނަލްގެ ޖާގަ ހޯދީ ކުއާޓަރ ފައިނަލްގައި އެލިޒަވެޓާ ޒެލެނޯވާ އާއި ދެކޮޅަށް ކުޅުނު މެޗު ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ދެ ސެޓް ނަބާ ކާމިޔާބުކުރީ 6-1 ، 6-1 ންނެވެ.

މާދަމާ މެންދުރު 2:30 ގައި ރާއްޖޭގެ ދާއޫދު ޝަހީބު އަދި މުހައްމަދު ނޫހު ނާޒިހުގެ ޕެއާ ނިކުންނާނީ ސްވިޑްޒަލޭންޑްގެ ޗާލީ ބްރެޒިލް އަދި ތައިލޭންޑްގެ ދަންތައި ތަކޮންގެ ޕެއާއާއި ދެކޮޅަށެވެ. ދާއޫދް އަދި ނޫހް ބުނީ ކުއާޓަރފައިނަލްގައި ހެދުނު ގޯސްތައް ސެމީގައި ރަނގަޅުކުރާނެ ކަމަށާއި ހިތްވަރާއެކު ނިކުންނާނީ ފައިނަލްގެ ޖާގައެއް ހޯދުމަށް ކަމަށެވެ.

ދާއޫދާއި ނޫހްގެ ޕެއާއިން ސެމީ ފައިނަލްގެ ޖާގަ ހޯދީ ފްރާންސްގެ އަދި ތައިލޭންޑްގެ ދެކުޅުންތެރިން ހިމެނޭ ޕެއާއަކާ ވާދަކޮށް ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ސެޓްތައް ދާއޫދާ ނޫހްގެ ޕެއާ ކާމިޔާބުކުރީ 6-4،6-4 ންނެވެ.

މި މުބާރާތުގެ ފައިނަލާއި ސެމީ ފައިނަލަށް ދަތުރުކުރި ކުޅުންތެރިން ބުނީ މާދަމާގެ މެޗުތަކުން މޮޅުވުމުގެ އަޒުމުގައި ނިކުންނާނީ ރާއްޖެ ފަހުރުވެރިވާ ނަތީޖާއަކަށް އުންމީދުކޮށްގެން ކަމަށްށެވެ.

އަދި ސަޕޯޓަރުންގެ ތަރުހީބާއި ޓެނިސް އެސޯސިއޭޝަންގެ އެހީތެރިކަން ފާހަގަކޮށް ކުޅުންތެރިން ބުނީ ވީހާވެސް ގިނަ ސަޕޯޓަރުން ޓެނިސް ކޯޓަށް އައިސް ސަޕޯޓް ކުރުމަކީ އެކުޅުންތެރިންނަށް ލިބޭ އިތުރު ހިތްވަރެއް ކަމަށެވެ.