ކުޅިވަރު

ގައުމީ ޓީމުގެ ކޯޗުކަން މޯހަންއަށް


ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ތަޖުރިބާކާރު ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) އަށް ދީފިއެވެ.

އޭނާ އަކީ ރާއްޖެ އެންމެ ފުރަތަމަ ފުޓްބޯޅައިން ތައްޓެއް ހޯދިއިރު ޓީމުގެ އެސިސްޓަންޓް ކޯޗެވެ. އެއީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައެވެ.

އޭގެ ފަހުން މޯހަން ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި ތަފާތު މަގާމުތައްވެސް އަދާކޮށްފަ އެވެ. އަދި އޭނާގެ އާއިލީ ކުލަބު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކޯޗުކޮށްދީ، އެ ކުލަބަށް ދިވެހި ޕްރިމިއަރ ލީގާއި ގައުމީ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްދިނެވެ.

އަދި ކުލަބު އީގަލްސްއަށް ކޯޗުކޮށްދީ އެ ކުލަބަށް ޗެރިޓީ ޝީލްޑެއްވެސް ހޯދައިދީފައިވެއެވެ.
މޯހަން ގައުމީ ކޯޗުކަމަށް ހަމަޖެއްސިއިރު އޭނާ ހުރީ އީގަލްސްގެ ކޯޗުކަމުގައެވެ. އެ މަގާމާ ދެވަނަ ފަހަރަށް އޭނާ ހަވާލުވީ ގާތް ރަހުމަތްތެރިޔާ އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތީ) ބަލިހާލަތު ގޯސްވުމުން އޭނާގެ އެދިވަޑައިގަތުމަށެވެ.

އެފްއޭއެމްއިން ބުނީ މޯހަންއަށް ގައުމީ ކޯޗުކަންދިނީ އަންނަ މަހު ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗުތަކަށާއި، ކުރިއަށް އޮތް އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތަކާއެކު އަންނަ ނޮވެމްބަރު މަހާ ހަމައަށް ކަމަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގައި އެންމެ ފަހުން ހުރީ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކުރީގެ ކޯޗު އަލީ ސުޒެއިންއެވެ. އޭނާގެ އެއްބަސްވުން އައުނުކުރަން އެފްއޭއެމްއިން ވަނީ ނިންމާފައެވެ. އަދި މިހާރު އޭނާ ވަނީ ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރޭ ޑައިމަންޑް ޖުބިލީ ކޮމިޓީގެ ޗެއާމަންގެ މަގާމަށް ހަމަޖައްސާފައެވެ.