ޚަބަރު

އަބްދުއްރަޙްމާންގެ މަރު: ތުހުމަތުކުރެވޭ 3 މީހަކު ހައްޔަރުކޮށްފި


  • ޢަބްދުއްރަހްމާން ނިޔާވީ ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް މިދިޔަ މަހުގެ 13ވަނަ ދުވަހު

  • ފުލުހުން ވިދާޅުވީ ޢަބްދުއްރަހުމާން މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި 3 މީހަކު ހައްޔަރު ކޮށްފައިވާކަމަށް

އއ. މާޅޮހުން ޒަޚަމްތަކަކާއެކު ފެނުނު އަބްދުއްރަހްމާނު އާދަމްގެ މަރުގެ މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަހްމާން ނިޔާވީ ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް މިދިޔަ މަހުގެ 13ވަނަ ދުވަހުއެވެ. މިމައްސަލާގައި ފުލުހުން މިއަދު ވިދާޅުވީ ޢަބްދުއްރަހުމާން އާދަމް މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި 3 މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައި ނުވެއެވެ. މިކަމުގެ އިތުރު ތަފްސީލް ފަހުން ހާމަކުރާނެކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވަނީ އަބްދުއްރަހްމާން އާދަމްގެ އޮޓޮޕްސީހެދުމަށްފަހު ވަގުތީ ރިޕޯޓުން ފާހަގަވިކަންކަން ޙިއްސާކޮށްފައެވެ. އެގޮތުން ފުލުހުން ވިދާޅުވީ އޮޓޮޕްސީ ރިޕޯޓުން ދައްކާގޮތުން އަބްދުއްރަހްމާން އާދަމް ނިޔާވެފައިވަނީ ބޮލައް ލިބުނު އަނިޔާގެ ސަބަބުން ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވެ، ރަށަށް އަރާ ފައިބާ މީހުން މޮނީޓަރ ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިޔައެވެ.

ޢަބްދުއްރަޙްމާން ނިޔާވިއިރު، އޭނާގެ ޢުމުރަކީ 65 އަހަރެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަޚަމްތަކަކާއެކު ފެނިފައިވާ އަބްދުއްރަހްމާން ދިރިއުޅެމުން ދިޔައީ ގޭގައި އޭނާގެ އަނބިމީހާއެކުގައެވެ.

ނިޔާވި އަބްދުއްރަހްމާނަކީ ދިރިއުޅުމުގެ މަސައްކަތަކަށް މަސްވެރިކަން ކުރަމުން ދިޔަ މީހެއްކަން ވަނީ އެނގިފައެވެ. އަދި އޭނާގެ 2 ކުދިން ތިބޭކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.