މެދުވެރިއަކާ ނުލައި އަމިއްލައަށް ސަޢުދީ ޢަރަބިއްޔާއަށް ގޮސް ޢުމްރާ ކުރެވޭނެ އިންތިޒާމް ހަމަޖެއްސޭނެ ނިޒާމެއް ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާ ވުޒާރާއިން ޤާއިމްކޮށްފިއެވެ.
އަލަށް ޤާއިމްކޮށްފައިވާ ނުސުކް ޢުމްރާ ޚިދުމަތް މެދުވެރިކޮށް ބޭރު ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ޢުމްރާ ވިސާއަށް ހުށަހަޅައި އެުމްރާއާގުޅޭ ތަފާތު ޚިދުމަތްތައް ހޯދޭނެއެވެ. ވެބްސައިޓެއް މެދުވެރިކޮށް މި ޚިދުމަތް ހޯދުމުގައި އިތުރު މެދުވެރިއެއް ނެތި، އަމިއްލައަށް ޚިދުމަތް ހޯދުމަށް ޢުމްރާވެރިންނަށް ވަނީ މަގުފަހިވެފައެވެ. އެ ޚިދުމަތުގެ ބޭނުމަކީ ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދީ ޢުމްރާވެރިންނަށް ފުރިހަމަ ތަޖުރިބާއެއް ހޯދައިދިނުމެވެ.
ނުސުކް ޢުމްރާ ބޭނުންކޮށްގެން ޢުމްރާވެރިން ބޭނުން ގޮތަކަށް ދަތުރުގެ ކަންކަން ރާވައި އިންތިޒާމު ކުރެވޭނެއެވެ، އެ ގޮތުން ތަފާތު ޢުމްރާ ޕެކޭޖުތައް ޚިޔާރުކުރުމުގެ ފުރުޞަތު ވެސް ލިބެއެވެ. ބޭނުން ނަމަ އަމިއްލައަށް ވިސާ ހަމަޖައްސައި، ހުންނާނެ ތަނަކާއި ދަތުރުފަތުރުކުރުމަށް ބޭނުންކުރާނެ ވަޞީލަތްތަކާއި ޓުއަރތައް ވެސް ހަމަޖެއްސިދާނެއެވެ.
ނުސުކް ޢުމްރާ ތައްޔާރުކޮށްފައި ވަނީ ކޮންމެ މީހަކަށް ވެސް ބޭނުންކުރަން ފަސޭހަވާނެ ފަދަ ފަރުމާއަކަށެވެ. ސަރުކާރުގެ ނިޒާމުތަކާ ގުޅިފައިވާ މި މަންސަ ތަފާތު ހަތް ބަހުން ބޭނުންކުރެވެއެވެ. ފައިސާ ދެއްކުމަށް ވެސް ތަފާތު ގޮތްތައް ނުސުކް ޢުމްރާ މެދުވެރިކޮށް ލިބެއެވެ.
ނުސުކް ޚިދުމަތް އިފްތިތާޙްކޮށްފައި މި ވަނީ “ސަޢުދީ ވިޟަން 2030”ގެ ދަށުންނެވެ.