ޚަބަރު

އައިޓީއެފް ޖޭ30 އަށް ކުޅިވަރު ވުޒާރާއާއި އެމްއޯސީން އެކި ގޮތްގޮތުން ސަޕޯޓް ދޭ: އިގްނާޒް


މިހާރު ކުރިޔަށްދާ އައިޓީއެފް މޯލްޑިވްސް އޯޕަން ޖޭ30 އަށް ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވުޒާރާއިން މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ސަޕޯޓް ދެއްވާ ކަމަށް ޓެނިސް އެސޯސިއޭޝަނުގެ ނައިބު ރައީސް އިގްނާޒް މަންސޫރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އިގްނާޒް ވިދާޅުވީ މި މުބާރާތުގެ މެޗުތައް ބައްލަވާލެއްވުމަށް މިނިސްޓްރީގެ ބޭފުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ބޭފުޅުން ވަޑައިގަންނަވާ އެކި ގޮތްގޮތުން ތަރުހީބު ދެއްވާކަމަށެވެ.

އިގްނާޒް ވިދާޅުވީ އެހެން ގައުމުތަކާއި ހިލާފަށް ރާއްޖޭގެ އިންތިޒާމުތައް ތަފާތުވާނެކަމަށެވެ. އެގޮތުން ހެނދުނުގެ ނާސްތާއިން ފެށިގެން ކެއުމުގެ ކަންކަން ހަމަޖެހިފައި ހުންނާނެކަމަށާއި އޮފިޝަލުން ހުރިހާ ދިމާލެއްގައިވެސް އެހީތެރިވާން ތިބޭނެ ކަމަށެވެ. އަދި އަވަށްޓެރި އެހެންގައުމުތަކުގައި މުބާރާތްތައް ބާއްވާއިރު ކުއާޓާރ ފައިނަލާއި ހަމައިން ލިބޭ ޗެއާ އާމްޕާސަން މި މުބާރާތުގެ ކޮލިފައިން މެޗުތަކުން ފެށިގެން ތިބޭނެ ކަމަށް އިގްނާޒް ވިދާޅުވިއެވެ.

މުބާރާތުގެ ބައިވެރިންގެ ފަރާތުން ލިބޭ ފީޑްބެކްގެ ތެރޭގައި މިކަހަލަ ކަންކަމަށް ވަރަށް ތަރުހީބު ލިބޭ ކަމަށާއި ރާއްޖޭގެ ޓެނިސް ސްޓޭޑިއަމްގެ މާހައުލު ވަރަށް ހިތްގައިމު ކަމަށް ބައިވެރިން ފާހަގަކުރާ ކަމަށް އިގްނާޒް ވިދާޅުވިއެވެ.

އައިޓީއެފް މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ ދިވެހި ކުޅުންތެރިންނަށް ލިބޭ ވަރަށް ރަނގަޅު ތަޖުރިބާއެއްކަމަށާއި މިއީ ޖ30ޭގައި ކުޅޭ ބައިނަލްއަގްވާމީ ކުޅުންތެރިންގެ ހުނަރުތައް ދިވެހި ކުޅުންތެރިންނަށް އެކްޕީރިއަންސް ކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތުތަކެއް ކަމަށް އިގްނާޒް ވިދާޅުވިއެވެ.

‎މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ހޯދަމުން އަންނަ ކުރިއެރުންތައް ފާހަގަކުރައްވަމުން އިގްނާޒް ވިދާޅުވީ ކޮލިފައިން މެޗުތަކުގެ ތެރެއިން 4 ކުޅުންތެރިން މެއިން ޑްރޯއަށް ކޮލިފައިވި ކަމަށެވެ.

‎މިހާތަނަށް 3 އަންހެން ކުޅުންތެރިން ގަދަ 16 އަށް ދަތުރުކޮށްފައިވާކަމާއި ‎އުންމީދަކީ އަދިވެސް ބައެއް ކުޅުންތެރިން ދެން އޮތް ރައުންޑަށް ކޮލިފައިވުންކަމަށް އިގްނާޒް ވިދާޅުވިއެވެ.