ޚަބަރު

ތޮއްޑޫގައި ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި


  • މިއީ މާލެއިން ބޭރުގައި ޑޮލަރު އޭޓީއެމް ހުޅުވި 4 ވަނަ ރަށް

  • ބީއެމްއެލް ތޮއްޑޫ ބްރާންޗްގެ ބިންގާވެސް ވަނީ އަޅާފައި

އއ. ތޮއްޑޫގައި ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ. އެރަށުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.

ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ހުޅުވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މިދިޔަ ޑިސެންބަރުމަހު އެރަށައް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ. އޭގެ 8 މަސްދުވަސް ފަހުން އެ ވައުދު ފުއްދަވައި މިހާރު މިވަނީ ތޮއްޑޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅު އުތުރުބުރީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތޮއްޑޫއަށް ވަޑައިގެން އެމަނިކުފާނު ވަނީ އެރަށުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށްޓަވާދެއްވާފައެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ.

މިދަތުރުގައި ބީއެމްއެލް ތޮއްޑޫ ބްރާންޗްގެ ބިންގާވެސް ވަނީ އަޅާފައެވެ. ބިންގާ އަޅުއްވައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރާއި، ބީއެމްއެލްގެ ސީއީއޯ އަދި ތޮއްޑޫ ކައުންސިލްގެ ރައީސްއެވެ.

ތޮއްޑޫގައި ޑޮލަރ އޭޓީއެމްއެއް ހުޅުވުމަށް ސަރުކާރުން ނިންމެވީ ތޮއްޑޫއަކީ ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ، ލޯކަލް ޓޫރިމަށް އިސްކަންދޭ ރަށަކަށްވާތީއެވެ. ކުރިއަށް އޮތްތަނުގައިވެސް ތޮއްޑޫއަށް ގިނަ ޓޫރިސްޓުން އަންނާނެތީ ރަށުގައި ތިބެގެން ރައްޔިތުންނަށް ޑޮލަރު ނެގޭނެ އިންތިޒާމް ހަމަޖެހުމަކީ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރަށު ފަތުރުވެރިކަން ފުޅާވެފައިވާ ތޮއްޑޫގައި 50 އަށްވުރެ ގިނަ ގެސްޓްހައުސް އަންނަނީ ހިންގަމުންނެވެ. އަދި މިއީ ފަތުރުވެރިންނާއި ދިވެހިންވެސް ޗުއްޓީ ހޭދަކުރުމަށް ގިނަ އަދަދަކަށް ޒިޔާރަތްކުރާ ރަށެކެވެ. ތޮއްޑޫގައި ބީއެމްއެލްއިން ހުޅުވި ޑޮލަރ އޭޓީއެމްއަކީ މާލެއިން ބޭރުގައި ޑޮލަރު އޭޓީއެމް ހުޅުވި 4 ވަނަ ރަށެވެ. ތޮއްޑޫގެ އިތުރުން މިހާރު އަތޮޅުތެރޭގެ ރަށްތަކުގައި ޑޮލަރު އޭޓީއެމް ހުންނަނީ މާފުށި، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައެވެ.