ނިއުކާސަލްއިން އޭނާއާ އެކު ވެފައިވާ ވައުދުތައް ފުރިހަމަ ނުކުރާތީވެ ދެން އެ ކުލަބަށް ނުކުޅެވޭނެ ކަމަށް ސްވިޑްންގެ ފޯވަޑް އެލެގްޒެންޑާ އިސާކް ބުނެފި އެވެ.
ޓީމަށް ނުކުޅެން ގަދަ ހަދައިގެން ހުރި ކުޅުންތެރިޔާ ބޭނުންވަނީ އިނގިރޭސި ޗެމްޕިއަން ލިވަޕޫލަށް ބަދަލުވާށެވެ. ނަމަވެސް އެ ކުލަބުން ހުށަހެޅި 110 މިލިއަން ޑޮލަރުގެ ހުށަހެޅުން ލިވަޕޫލުން ވަނީ ބަލައިނުގެންފަ އެވެ.
މި މައްސަލަ ދިގުލައިދަނިކޮށް އިސާކް ސޯޝަލް މީޑިއާގައި ބަޔާނެއް ނެރުނީ އޭނާގެ ދިފާއުގައި ސްވިޑްންގެ ގައުމީ ކޯޗު ވާހަކަ ދެއްކިތާ ދެ ދުވަސް ފަހުންނެވެ.
"ވައުދު އުވާލައި، އިތުބާރު ގެއްލިއްޖެނަމަ ދެން ކުރިއަށް ނުދެވޭނެ. އަހަރެން މިހާރު ބޭނުންވަނީ އެހެން ވިސްނުމެއް. ވަރަށް ގިނަ ދުވަހު މިކަމުގައި އެ މީހަކު ބޭނުން ވާހަކަ އެއް ދައްކަމުން މިދިޔައީ. އަހަރެން މިކަމުގައި ވާހަކަ ދައްކަން މި ފެށީ ވަރަށް ގިނަ ދޮގު މައުލޫމާތު ފަތުރަން ފެށުމުން،" އިސާކް ބުންޏެވެ.
ހުސްވި ސީޒަނުގައި 23 ގޯލު ޖަހައި ޕްރެމިއާ ލީގުގެ ގަދަ 11 ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނުނު އިސާކް ބުނީ އޭނާ އަށް ނިއުކާސަލްގެ ޖާޒީގައި ކުޅެވޭނެ ގޮތެއް ނެތް ކަމަށެވެ.
ނަމަވެސް އޭނާގެ ވާހަކަތަކަށް ކުލަބުން ވަނީ ވަގުތުން ރައްދު ދީފަ އެވެ. އެ ކުލަބން ބުނީ ކުޅުންތެރިޔާ ހުރީ ކޮންޓްރެކްޓްގައި ކަމަށާއި އެކަމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.
ނިއުކާސަލްގެ ކޯޗު އެޑީ ހޮވޭ ބުނީ މި މައްސަލަ ހަލު ކުރުމުގެ ބާރު އޮތީ ކުޅުންތެރިޔާގެ އަތްމަތީގައި ކަމަށެވެ. ނަމަވެސް ކުލަބު ބަދަލު ކުރަން ބޭނުންވެ އޭނާ ވަނީ ނިއުކާސަލް އަށް ކުޅޭށާއި ޓީމާއެކު ފަރިތަކުރަން ވެސް ދެކޮޅު ހަދައިފަ އެވެ.
ވަރަށް ޕްރޮފެޝަނަލް މީހެއް ކަމަށާއި އޭނާގެ އަމަލުތައް ޕްރޮފެޝަނަލް މިންގަނޑުން ބޭރުނުވާނެ ކަމަށެވެ.
އިނގިރޭސި މީޑިއާތަކުން ބުނަނީ މި މަހުގެ ފަހު ދުވަހު ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން އިސާކް ގަތުމަށް ލިވަޕޫލުން 150 މިލިއަން ޑޮލަރު ހުށަހަޅާނެ ކަމަށެވެ. ނަމަވެސް ކޮންމެ އަގެއް ދިނަސް ކުޅުންތެރިޔާ ދޫކުރުގެ ހުރިހާ ބާރެއް އޮތީ ނިއުކާސަލް އަތްމަތީގަ އެވެ.