ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ފެރިދޫ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ އއ. މާފަރު ފަޅު، އެރަށުގެ ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވައި، ރަށުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި މިހާރު ކުރިއަށްދާ ބަނދަރުގެ މަޝްރޫޢާމެދު ހުރި ކަންބޮޑުވުންތައް ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެއިތުރުން ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް، ސެން ކުލާސް ރޫމަކާއި، ސައިންސް ލެބެއްގެ އިތުރުން ކޮންޕިއުޓަރ ލެބެއް މުހިންމުކަމަށާއި، މިއާއެކު ވަށާފާރު ޤާއިމުކޮށްދިނުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މިބައްދަލުވުމުގައި އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގައި ޕޮލިސް ސްޓޭޝަނެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި ޞިއްޙީ މަރުކަޒުގައި ހުރި ދަތިތަކުގެ އިތުރުން ސްކޫލުގެ ކަރަންޓުގެ ހާލަތުވެސް ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.