ޚަބަރު

އއ.މާޅޮހުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު އާރުޑީސީއަށް


  • މި މަޝްރޫޢު އާރުޑީސީއާ ޙަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި ނިންމާގޮތަށް

  • މިއީ 53.8 މިލިޔަން ރުފިޔާގެ މަޝްރޫއެއް

އއ.މާޅޮހުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރުޑީސީއާ ޙަވާލުކޮށްފިއެވެ.

އއ.މާޅޮހުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސާއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އއ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މާޅޮހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބެވެ. އަދި އާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމްއެވެ.

53.8 މިލިޔަން ރުފިޔާގެ މި މަސައްކަތް އާރުޑީސީއާ ޙަވާލުކޮށްފައިވަނީ 730 ދުވަސްތެރޭ ނިންމާގޮތަށެވެ.

މާޅޮހު މަގުތައް ތަރައްޤީކުރުމަށް ހަވާލުކުރެއްވި އާރުޑީސީއަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އާރުޑީސީއަކީ މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ. އާރުޑީސީން މިހާތަނަށް އައިއިރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ހިންގަވާފައެވެ. އަދި މިހާރުވެސް ދަނީ ގިނަ މަޝްރޫޢުތަކެއް ހިންގަވަމުންނެވެ.