ކުޅިވަރު

ވަޒީރުގެ އަމާޒު، ރާއްޖޭގެ ހުރިހާ ރަށެއްގައި 2026 ނިމުމުގެ ކުރިން އައުޓްޑޯ ޖިމް ގާއިމުކުރުން


ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައުއެއް ބިނާ ކުރުމައްޓަކައި މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމްތައް ގާއިމު ކުރަން ހަމަޖެހިފަވާ ކަމަށް ކުޅިވަރާއި ހަށިހެޔޮ ކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

އައުޓްޑޯ ޖިމްތަކާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމު ކުރުމަށް ވެވުނު އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ވަޒީރު ރާފިއު ވިދާޅުވީ އައުޓްޑޯ ޖިމްތަކަކީ މިހާރުވެސް ރާއްޖޭގެ ރައްޔަތުން ބޭނުން ކުރަމުން އަންނަ ވަރަށް މުހިންމު ވަސީލަތެއް ކަމަށެވެ.

މި ފަހަރު އައުޓްޑޯ ޖިމްގެ ވަސީލަތްތައް ގާއިމު ކުރުމުގައި ވަރަށް ބޮޑަށް ބެލުމައްފަހު ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް މެއިންޓެއިން ކޮށް ބެލެހެއްޓޭނެ ގޮތްތަކެއް ދިރާސާކޮށް ބައްލަވާފަ ވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދިވެހިރާއްޖެ އަކީ ވަރަށް ލޮނުގެ އަސަރު ކުރާ ތަނަކަށް ވާތީވެ، އެތަކެތީގަ ދަބަރު ޖަހާ ވީރާނާވުމުގެ ޗާންސް ބޮޑުވާނެތީވެ، އެހެންވީމަ އަޅުގަނޑުމެން މިފަހަރު މި ތަކެތި އެސްޓިއޯ މެދުވެރިކޮށް، ތަކެތި އޯޑަރ ކުރީ އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމާއި، އެސްޓިއޯގެ ޓެކްނިކަލް ޓީމާއެކު މަޝްވަރާ ކުރުމަށްފަހު ލޮނުގެ އަސަރު ކުރިޔަސް ހަލާކު ނުވާނެހެން ވަކި ހާއްސަ ކޯޓިންއެއް ލެވިގެން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަލަށް ގާއިމު ކުރެވޭ އައުޓްޑޯ ޖިމްތަކާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ވެގެންދާނީ ގައިންގަޔަށް ނާރާ ބަލިތަކުން ދުރުކޮށްދޭ ވަސީލަތެއް ކަމަށެވެ.

" ހަކުރު ބަލި، ލޭމައްޗަށް ދއުން، އޮބޭސިޓީ، ކޮލަސްޓްރޯލް، ހައިޕަޓެންޝަން، މިހަކަލަ ބަލިތަކުން އަޅުގަނޑުމެން ދުރުކުރެވޭނެ ވަސީލަތަކަށް ވެގެންދާނީ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިފަދަ ތަންތަނުގެ ސަބަބުން މުޖްތަމައުގެ ގުޅުން ބަދިހިވެގެންދާނެ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރު ފުރިހަމަ ކުރުމުގައި ވުޒާރާއިން އަބަދުވެސް ފަސްނުޖެހި ކުރިއްދާނެ ކަން ފާހަގަކުރެއްވިއެވެ.

މި މަޝްރޫއުތައް ނިންމުމުގައި ސަރަކާރުގެ ކުންފުނިތަކާ އެކު މަސައްކަތް އަވަސްވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން އެޗްޑީސީއާ ހަވާލުކުރެވުނު 71 މަޝްރޫޢުއާއެކު ޖުމްލަ 102 އައުޓްޑޯ ޖިމް ޤާއިމްކުރުމަށް ސަރުކާރުގެ ކުންފުނިތަކާވަނީ ހަވާލުކުރެވިފައެވެ. މީގެ އިތުރުން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ހަތް އައުޓްޑޯ ޖިމް ޤާއިމްކުރުން ކުރިއަށް އެބަދެއެވެ.

މިއަހަރާއި އަންނަ އަހަރު އިތުރު 41 އައުޓްޑޯ ޖިމް ޤާއިމްކުރުމަށް ހަވާލުކުރުމަށްވަނީ ހަމަޖެހިފައެވެ.