ޚަބަރު

އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށް އިތުރު ނަންތަކެއް


  • ދެ މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާނެ

  • އެއް މަގާމަށް ޝަފީގު އައްޔަން ކުރެއްވުމަށް މަޖިލީހުން ވަނީ ފާސްކޮށްފައި

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، އިތުރު 3 ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އެޗްއާރުސީއެމްގެ ދެ މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ އެ މަގާމުތަކަށް މެންބަރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނަންތައް ފޮނުއްވެވީ މި މަހުގެ 12ވަނަ ދުވަހުއެވެ. އެގޮތުން ދެ ބޭފުޅެއްގެ ނަން އެމަނިކުފާނު މަޖިލީހަށް ފޮނުއްވެވިއެވެ.

ރައީސް މަޖިލީހަށް ފޮނުއްވެވި މައްސަލަ ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާ ކުރުމަށްފަހު ނިންމެވީ އެމަނިކުފާނު ފޮނުއްވެވި ނަންތަކުގެ ތެރެއިން މުޙައްމަދު ޝަފީގު މަޙުމޫދު އެ މަގާމަށް އައްޔަން ކުރައްވަން ފެންނަ ކަމަށެވެ. އަދި މުހައްމަދު ފާރިސް ތޯހާ އައްޔަން ކުރައްވަން ފާހެއް ނުވެއެވެ.

މަޖިލީހުން ވަނީ ކޮމިޓީން ނިންމިގޮތަށް އެޗްއާރުސީއެމްގެ ހުސްވާ 2 މަގާމުގެ ތެރެއިން އެއް މަގާމަށް ޝަފީގު އައްޔަން ކުރެއްވުމަށް އިއްޔެ ފާސްކޮށްފައެވެ.

އެޗްއާރުސީއެމްގައި އިތުރު އެއް މަގާމު ހުސްވާނެތީ އިތުރު ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސް އިތުރަށް ފޮނުއްވެވީ ތިން ބޭފުޅެއްގެ ނަމެވެ. އެގޮތުން އެ މަނިކުފާނު ފޮނުއްވާފައިވަނީ ސީބްރީޒް ސ. ހުޅުދޫ، އަހުމަދު މަޤުސޫމާއި ހ. ގުރުސް އަމީރާ ނަޢީމް އަދި ދަފްތަރު ނަންބަރު ދރ. 712 އަލްއުސްތާޛާ ފާތިމަތު ނަފްޢަތު ޢަބްދުލްވައްޙާބްގެ ނަންފުޅެވެ.

އެޗްއާރުސީއެމްގެ ދެ މެންބަރެއްގެ މަގާމު އަންނަ ސެޕްޓެމްބަރު މަހުގެ 8ވަނަ ދުވަހާ ހަމައަށް ހަމަވާނެއެވެ. މަގާމުގެ މުއްދަތު ހަމަވަނީ ނައިބު ރައީސް މޫމިިނާ ވަހީދާއި މެންބަރު އާމިނަތު ޝިފާތު އަބްދުއްރައްޒާގުގެއެވެ.