މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފ. ނިލަންދޫގައި ހިންގި ދެ އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މީގެތެރެއިން އެއް އޮޕަރޭޝަނަކީ ނިލަންދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ.
މި މަހު 16 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށާއި އެކަމާއި ގުޅިގެން އެ ވަގުތު އެގޭގައި ތިބި ނުވަ މީހަކު ހައްޔަރުކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ
އއ. ރަސްދޫ / ދޫގަސް، މުޙައްމަދު ވިސާލު (19އ)
ލ.ގަން، ތުނޑި. ހެދޭކުރި، މުޝްހަފް މުފީދު (22އ)
ނ. ލަންދޫ / ފިނިވާގެ، އިބްރާހީމް ލޫޠް (20އ)
ތ. ގުރައިދޫ / ފަޒާ، ޢަލީ ނަވާފު (21އ)
ސ. ހިތަދޫ / ގާފިލާ، އަޙްމަދު އަބާން ޢަލީ (20އ)
ހދ. ނޮޅިވަރަންފަރު / އަންނާރުގެ، ޢަބްދުﷲ ލައިޝަމް (20އ)
ސ. މީދޫ /ޝީން ، އަޙްމަދު ޢުޘްމާން (20އ)
މާލެ / ދަފްތަރު ނަންބަރު ދރ 1438، އިބްރާހީމް ނައްފާޒް (26އ)
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކަކު ވަނީ ދޫކޮށްލާފައެވެ. އަދި މުޙައްމަދު ވިސާލު (19އ) 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު ދެންތިބި ހަތް މީހުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި އޮޕަރޭޝަނުގެ އިތުރުން، ނިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންވެސް މި މަހު 16 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވެއެވެ. މި އޮޕަރޭޝަނުގައި، އެ ރަށު ބަނދަރުމަތިން ފ. ނިލަންދޫ / ޝަބްނަމުގެ، މުޙައްމަދު މާނިޢު (19އ) ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 6 ސެލޯފިންކޮޅު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި ދެ މައްސަލަވެސް ނިލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.