ޚަބަރު

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށަނީ


  • ފުރަތަމަ ބަންދުކުރަނީ ރަސްމީ ފާލަމުން ފެށިގެން ދަތުރުވެރިންގެ މާރުކޭޓާ ހަމައަށް

  • މިއަދުން ފެށިގެން އޮކްޓޯބަރ 13ގެ ނިޔަލަށް މަގުގެ އެއްފަޅި ބަންދުވާނެ

މާލެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ހަތަރު ލޭނަށް ބަދަލުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތްކުރުމަށް ތައްޔާރުރުވެއްޖެއެވެ.

ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ މިއަހަރުގެ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. މިމަސައްކަތްކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ އޭޕްރީލް މަހުގެ 9 ވަނަ ދުވަހުގައެވެ.

މާލޭ އުތުރު ފަރާތު ބޭރު މަގަކީ ސަރުކާރާއި އާންމު ފަރާތްތަކުގެ މުހިއްމު ގިނަ އޮފީސްތަކާއި، ބޭންކުތަކާއި ފިހާރަތަކުގެ އިތުރުން މާލެއަށް ލަފާފުރުމުގައި މުހިއްމު ސަރަޙައްދެއްކަމުން އެއީ ކާރޫބާރޫ ބޮޑު ސަރަހައްދެކެވެ. އެތައް ބަޔަކު ކޮންމެ ދުވަހަކުވެސް ދަތުރުކުރާ މިމަގު މަސައްކަތް ކުރުމަށް ހަދަންޖެހޭ އެންވަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމުގެ މަސައްކަތް މިހާރު އެމްޓީސީސީން ވަނީކޮށްފައެވެ.

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި މިއަދުން ފެށިގެން އަންނަ އޮކްޓޯބަރުގެ 13 ވަނަ ދުވަހާ ހަމައަށް ބޮޑުތަކުރުފާނުމަގުގެ އެއްފަޅި މިހާރު ވަނީ ބަންދުކޮށްފައެެވެ. އެގޮތުން ދަތުރުވެރިންގެ މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހިސާބަށް މަގު ބަންދުވާނެ އެވެ. އަދި އެފަޅީގެ ފަޅުވެސް ބަންދުވާނެކަމަށް ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ކާރޫބާރޫ ބޮޑުވާ ވަގުތުތަކުގައި މަސް މާރުކޭޓު ސަރަހައްދުގެ މަގު ވެސް ޓްރެފިކަށް ބަންދު ކުރާނެކަމަށް އެ އިއުލާނުގައިވެއެވެ.

ބޮޑުތަކުރުފާނު މަގުގެ އުތުރުން، ހުޅުމާލޭ ފެރީ ޓަރމިނަލުން ފެށިގެން މަސްމާރުކެޓާއި ހަމައަށް 830 މީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައިގެން ތަރައްޤީކުރުމަށް ސަރުކާރުންވަނީ ނިންމާފައިވާއިރު، މިމަގު ތަރައްޤީކުރަނީ މަގުފުޅާކޮށް، ކޮޅަކަށް 2 ލޭނު ހިމެނޭހެން އެންމެ ޒަމާނީ ފެންވަރަށެވެ. މިގޮތުން މަގުފުޅާކުރުމަށް އެސަރަޙައްދުގެ ބޭރު ތޮށި، ބޭރަށް ޖެއްސުމުގެ މަސައްކަތްވެސް ކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 3 ސެގްމަންޓަކަށް ބަހާލައިގެންނެެވެ.

މާލޭގެ މަގު ހެދުމުގެ މަސައްކަތުގެ ދަށުން މާލެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ވަކި މަސައްކަތެއްގެގޮތުގައި އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރާނީ ޗައިނާ ސަރުކާރުގެ ހިލޭއެހީގައެވެ. އެގޮތުން މިއަހަރު އެމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ވަނީ ކޮށްފައެވެ.

މިމަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 1 އަހަރާއި 3 މަސްތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 144.5 މިލިއަން ރުފިޔާއަށެވެ.