ޚަބަރު

ގައުމީ އެތުލެޓިކްސް މުބާރާތް: 5000 މީޓަރު ދުވުމުގެ ރަން މެޑެލް އިރުފާން އާއި ސުމްރިތާއަށް


މާލޭ އެކުވެނި ދުވާ ޓްރެކުގައި ކުރިއަށްދާ 34 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގެ 5000 މީޓަރު ދުވުމުގެ ރަން މެޑެލް މެރެތަން ރަނަރސް މޯލްޑިވްސްގެ މުޙައްމަދު އިރުފާން އާއި އައިލެންޑް ރަނަރސް މޯލްޑިވްސްގެ ސުމްރިތާ ކުމާރީ ޗޯދަރީ ހޯދައިފިއެވެ.

ފިިރިހެނުންގެ 5000 މީޓަރު ދުވުމުން ރަން މެޑެލް އިރުފާން ހޯދީ މިއަދު ކުރިއަށްދިޔަ ފައިނަލް ހީޓު 16 މިނެޓު 37.02 ސިކުންތުން ނިންމައިގެންނެވެ. މި އިވެންޓުން ދެވަނަ ހޯދި މެރެތަން ރަނަރސް މޯލްޑިވްސްގެ ޔޫސުފް އިބްރާހީމް ރޭސް ނިންމާފައިވަނީ 17 މިނެޓު 1.58 ސިކުންތުންނެވެ. އަދި ތިންވަނައަށްދިޔަ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ އާއިދު ޢަބްދުﷲ ރިފާއު ރޭސް ނިންމީ 17 މިނެޓު 6.67 ސިކުންތުންނެވެ.

މީގެ އިތުރުން އަންހެނުންގެ 5000 މީޓަރު ދުވުން ރަން މެޑެލް ހޯދި ސުމްރިތާ ކުމާރީ ޗޯދަރީ ރޭސް ނިންމީ 18 މިނެޓު 14.72 ސިކުންތުންނެވެ. މިއީ މި މުބާރާތުގެ މީޓް ރިކޯޑެކެވެ. މި އިވެންޓުން ދެވަނަ ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ އައިޝަތު ޖިނާނީ އިބްރާހީމް ރޭސް ނިންމާފައިވަނީ 20 މިނެޓު 22.07 ސިކުންތުންނެވެ. އަދި ތިންވަނައަށްދިޔަ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ އައިޝަތު ބިންތި އަޙްމަދު ރޭސް ނިންމީ 23 މިނެޓު 52.33 ސިކުންތުންނެވެ.