ޚަބަރު

ނަފްސަށްވުރެ ދިވެހިޤައުމު އިސްކުރުމަށް ދިފާޢީ ވަޒީރު ސިފައިންނަށް އިލްތިމާސްކުރައްވައިފި


  • ވަަޒީރު ވިދާޅުވީ މިއީ މިދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރުކަމަށް

  • މިމަނަވަރަކީ އަސްކަރީ ޤާބިލުކަން ވަރުގަދަ އުޅަނދެއް

ނަފްސަށްވުރެ ދިވެހިޤައުމު އިސްކުރުމަށް ދިފާޢީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ސިފައިންނަށް އިލްތިމާސްކުރައްވައިފިއެވެ.

ވަޒީރު މިގޮތަށް އިލްތިމާސްކުރެއްވީ ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު "ދަރުމަވަންތަ" ޤައުމީ ދިފާޢީ ބާރާއި ހަވާލުކޮށް ކޮމިޝަންކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ޤައުމީ ދިފާޢީ ބާރާއި ހަވާލުކޮށް ކޮމިޝަންކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިފާޢީ ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގަތީއްސުރެ އެމަނިކުފާނުގެ އެންމެ ބޮޑު ޢަމާޒެއްގެ ގޮތުގައި އަބަދުވެސް އޮތީ، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުންކަމަށެވެ. އަދި މިއަދާހަމައަށްވެސް، ޤައުމުގެ މަސްލަހަތު އިސްކުރައްވާ، ޤައުމަށް ފައިދާވާގޮތަށް މުހިންމު ގިނަ ނިންމެވުންތަކެއް ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިމަނަވަރަކީ، ރާއްޖޭގެ އަސްކަރިއްޔާގެ ކަނޑުގެ ޚިދުމަތުގެ ތާރީޚުގައި މިހާތަނަށް ނެރުނު އެންމެ ބޮޑު އަސްކަރީ މަނަވަރުކަމަށެވެ. މިމަނަވަރާއެކު، މިޢަމާޒަށް ވާސިލުވުމުގައި އިތުރު ހަރުފަތެއް ގިރާކުރެވިފައިވާކަމަށެވެ.

"ދިވެހި ތާރީޚުގައި ދިވެހި އަސްކަރިއްޔާއަށް ލިބުނު އެންމެ ބޮޑު މަނަވަރު މިއީ. ދުރު ރާސްތާތަކަށް ދަތުރުކޮށް ބަރު ހަތިޔާރާއެކު ހަރަކާތްތެރިވުމުގެ ޤާބިލުކަން ލިބިގެން އެބަދޭ. މިއީ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ކެނޑި ނޭޅި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތުގެ ނަތީޖާ. އެކަމަށްޓަކައި ދިވެހި ސިފައިންގެ ނަމުގައި ރައީސަށް ޝުކުރު ދަންނަވަން." ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިއީ ޤައުމުގެ މިނިވަންކަން ދިފާޢުކޮށް، ކަނޑުފަޅުތަކާއި ދިވެހި ޤައުމުގެ މުއްސަނދިކަން ދެމެހެއްޓުމަށް މަސައްކަތްކުރާނެ ޚިދުމަތަކަށް ވާނެކަމަށެވެ.

ވަޒީރު ވިދާޅުވީ 1980ވަނަ އަހަރު، އަސްކަރިއްޔާގެ ކަނޑުގެ ބާރު ވުޖޫދުވިއިރު ފެނުނީ މަދު ވަސީލަތްތަކަކާއެކު ޤައުމީ ދިފާޢީ ބާރުން މަސައްކަތްކުރަމުންދިޔަތަން ކަމަށެވެ.

ދިފާއީ ވަޒީރުގެ ވާހަކަފުޅުގައިވަނީ ނަފްސަށްވުރެ ޤައުމު އިސްކުރެއްވުމަށް ސިފައިންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ޤައުމުގެ ސިޔާދަތާއި އިސްތިޤުލާލު ޙިމާޔަތްކުރުމުގައި ސިފައިން އަބަދުމެ ދެމިތިބޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ރައްޔިތުންނަށް ދެއްވިއެވެ.

ދިފާޢީ ވަޒީރު ޣައްސާން މައުމޫނުގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ ކަނޑުތަކާ ދިވެހި ޤައުމުގެ ޚިދުމަތުގައި އަސްކަރިއްޔާގައި މަސައްކަތްކުރެއްވި ބޭބޭފުޅުންގެ ހަނދާން އައުކުރައްވާ، އެކި ޙައިސިއްޔަތުން ކޮށްދެއްވި ޤައުމީ ޚިދުމަތުގެ އަގު ވަޒަންކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.