ބޭންކް އޮފް މޯލްޑިވްސްގެ ސްޓޫޑެންޓް ކާޑަށް އެދި ހުށަހަޅައިގެން ހޮވޭ 100 ފަރާތަކަށް 1,000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ 14 އޮގަސްޓް އިން 30 ސެޕްޓެމްބަރުގެ ނިޔަލަށެވެ. ޕްރޮމޯޝަންގެ މުއްދަތުގައި ސްޓޫޑެންޓް ކާޑަށް އެދޭ ހުރިހާ ފަރާތްތަކަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.
ބީއެމްއެލްއިން ވިދާޅުވީ ފައިސާ ޚަރަދުކުރުމުގައި ޒިންމާދާރު ގޮތްތަކަކަށް ކުޑަކުދިން އަހުލުވެރިކުރުވައި، މާލީ މިނިވަންކަން ދަސްކޮށްދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ މި ކާޑު 7 އަހަރުން މަތީގެ ދަރިވަރުންނަށް ލިބޭނެ ކަމަށެވެ. ބެލެނިވެރިންނަށް މި ކާޑުގެ އެކައުންޓަށް ފައިސާ ފޮނުވައި، ޚަރަދުކުރުމުގައި އިރުޝާދު ދީ، ދަރިވަރުން ކާޑު ބޭނުންކުރާ ގޮތް ބެލެހެއްޓޭނެ ކަމަށާއި، މި ކާޑާއެކު ދަރިވަރުންނަށް ޅަފަތުގައި މުހިންމު މާލީ އާދަތައް ދަސްކޮށްދެވޭނެ ކަމަށް ވެސް ބީއެމްއެލްއިން ވިދާޅުވެއެވެ.
ވިސާ ޑެބިޓް ކާޑެއްގެ ގޮތުގައި ދޫކުރާ މި ކާޑުން އެއްވެސް ފީއެއް ނުނަގާނެއެވެ. އަދި މިކާޑުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މުއާމަލާތްކުރެވޭނެއެވެ. ދަރިވަރުން މިކާޑުން ކުރާ މުއާމަލާތްތަކަށް އަހަރަކު އެއްފަހަރު ރިބޭޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އަހަރެއްގެ ތެރޭ ކުރާ ޖުމްލަ ޚަރަދުގެ 0.5 އިންސައްތަ ކޮންމެ ކުއްޖެއްގެ ސޭވިންގ އެކައުންޓަށް ބޭންކުން ޖަމާކޮށްދޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވީ ދަރިވަރުންގެ މެދުގައި މަގުބޫލް ބީއެމްއެލް ސްޓޫޑެންޓް ޑެބިޓް ކާޑުން ޕީއޯއެސް މެޝިންތަކުން ފައިސާ ދެއްކުމުން އެކި ފިހާރަތަކާއި، ރެސްޓޯރަންޓް އަދި ބުކްޝޮޕްތަކަށް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކުމުން %10 އާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އެގޮތުން ބެލެނިވެރިންގެ ބީއެމްއެމްއެލް މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް މި ކާޑަށް އެދި ހުށަހަޅޭނެ ކަމަށް ވެސް ބީއެމްއެލްއިން ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ ކުރިއަރާފައިވާ މާލީ އިދާރާގެ ހައިސިއްޔަތުން ބޭންކް އޮފް މޯލްޑިވްސް އިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ އީޖާދީ ބޭންކިންގ ހައްލުތަކެއް ފޯރުކޮށްދިނުމަށެވެ. ބީއެމްއެލް އިން އަބަދުވެސް އަންނަނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ތަރައްގީއަށް އެހީތެރިވެދޭ ޕްރޮޑަކްޓްތައް މުޖުތަމައަށް ތައާރަފްކުރަމުންނެވެ.