އެމެރިކާގައި މިހާރު ކުރިއަށްދާ ސިންސިނާޓީ އޯޕަން ޓެނިސް މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް އިޓަލީގެ ޔަނިކް ސިނާ އާއި ސްވިއަޓެކް ހޯދައިފި އެވެ.
ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި ސިނާ މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ފްރާންސްގެ އެޑްރިއަން މަނަރީނޯ އާއި ދެކޮޅަށް ކުޅުނު މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ.
ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން ދެ ގަޑި އިރާއި ސާޅީސް ފަސް މިނިޓަށް މެޗުގެ ކުޅުން މެދު ކަނޑާލުމަށްފަހު އަލުން ކުޅުން ފަށާފައިވާ މި މެޗުގެ ސެޓުތައް ސިނާ ގެންގޮސްފައިވަނީ ހައެއް ހަތަރެއް އަދި ހަތެއް ހައެއްގެ ނަތީޖާ އަކުންނެވެ.
މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި ސިނާ އާއި ދެކޮޅަށް ނިކުންނާނީ ކެނެޑާގެ ފެލިކްސް އައުގާރ އަލިއަސީމް އެވެ.
މި މުބާރާތުގެ އަންހެން އިވެންޓުގައި ޕޮލެންޑްގެ އިގާ ސްވިއަޓެކް ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ރުމޭނިއާގެ ސޮރާނާ ކާސްޓިއާ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއެކު ހައެއް ހަތަރެއް އަދި ހައެއް ތިނެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި ސްވިއަޓެކް އާއި ދެކޮޅަށް ނިކުންނާނީ ރަޝިޔާގެ އެކަޓެރިނާ އެލެކްޒެންޑްރޯވާ އާއި އަނާ ކަލިންސްކާޔާ ބައްދަލުކުރާ މެޗުން މޮޅުވާ ކުޅުންތެރިއެކެވެ.