ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހުތައް ގެންނަން ނިންމެވީ ރައްޔިތުން ބާރުވެރިކޮށް މުއްސަނދިކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްުޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބ. ދަރަވަންދޫ ރަޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ލާމަރުކަޒީ ޤާނޫނަށް އެންމެފަހުން ގެނެސްފައިވާ އިސްލާޙުތަކަކީ ކައުންސިލްތަކުގެ ބާރުތައް ނިގުޅައިގަތުމުގެ ވިސްނުމުގައި ގެނެސްފައިވާ އިސްލާހުތަކެއް ކަމަށް ބުނެ ރައްޔިތުންނަށް އޮޅޭ ގޮތަށް ބައެއް ކައުންސިލްތަކުން ދަނީ ވާހަކަތައް ފަތުރަމުންނެވެ. ކައުންސިލްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤާނޫނަށް ގެންނެވި އިޞްލާހު ވަރަށް ތަފްސީލްކޮށް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
މި އިޞްލާހުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންނާއެކުކަމަށާއި، ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި އެ ޔަޤީންކަން މުހިންމުކަމަށެވެ. އެހެންކަމުން ކޮންމެ ރަށަކަށް ވަޑައިގެން ކައުންސިލާއި، މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވަނީ އެ ބޭނުމުގައިކަމަށެވެ. އެ ބައްދަލުވުމުގައި ކޮންމެ މުއައްސަސާއަކުން ބޭނުންވާ ކަންކަން ހިއްސާކުރުމަށް ފުރުޞަތު ދެއްވާކަމަށާއި، ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމަށްފަހު ރައްޔިތުންގެ ބައްދަލުވުމަށް އަންނަނީ ރައްޔިތުން ބޭނުންވާ ކަންކަން ޔަޤީންކުރުމަށްކަަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު މާލޭގައި ހުންނަވައިގެން ކައުންސިލްތަކާއި މުއައްސަސާތައް އެމަނިކުފާނާ ބައްދަލުކުރުމަށް މާލެ ގެންދިއުމަކީ އެއްގޮތަކަށްވެސް ޤަބޫލުކުރާ ހަމައެއް ނޫންކަމަށެވެ.
ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމަނިކުފާނު ވަރަށް ފުރިހަމައަށް ޤަބޫލުކުރާކަމެއްކަމަށެވެ. އަދި ޤާނޫނަށް ގެންނަ އިޞްލާހުތަކަކީ ރައްޔިތުންނަށް ކޮށްދޭ ކަންކަމަށް ހުރަސްއެޅުންކަމަށް ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކައުންސިލްތައް ހިންގަންޖެހޭނީ ރައްޔިތުންނަށް ފައިދާވާގޮތަށް ރައްޔިތުން ބާރުވެރިކުރާގޮތަށްކަމަށެވެ. އަދި މަޖިލީހުން ފާސްކުރި އިޞްލާހުތަކަކީވެސް ރައްޔިތުންނަށް ފައިދާވާގޮތަށް ގެނެސްފައިވާ އިޞްލާހުތަކެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ފުރަތަމަ އިޞްލާހަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކުން އުފައްދާފައިވާ ބައެއް ލޯކަލް އޮތޯރިޓީ ކޮމްޕެނީތަކުން، އާންމު ފަރުދުން ހިންގާ ކުދި ވިޔަފާރި ހިންގާކަމަށެވެ. އެކަމުގެ ސަބަބުން އާންމު ރައްޔިތުންގެ މުއްސަނދިކަމަށް ހުރަސް އެޅޭކަމަށް ރައީސް ވިދާޅުވިއެވެ.
“އެއް އިޞްލާހަކަށް ގެނައި އިޞްލާހަކީ ރަށްރަށުގެ ރައްޔިތުން ހިންގާ ކުދި ވިޔަފާރިތައް ނުހިންގޭނޭ. ލޯކަލް އޮތޯރިޓީ ކޮމްޕެނީތަކުން ކުރަންޖެހޭނީ މަދުވެގެން 10 މިލިޔަން ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓުތަކޭ. 10 މިލިޔަނަށްވުރެ ބޮޑިއްޔާ ހަމަ ކޮންމެ ދާއިރާއަކުން ލޯކަލް އޮތޯރިޓީ ކޮމްޕެނީއަށް ވިޔަފާރިކުރަންވީ. ވިޔަފާރިކޮށްގެން ހޯދާ ފައިދާއިން ރައްޔިތުންނަށް ކަންކަން ކޮށްދޭންވީ.”ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވަރަށް ގިނަ ކައުންސިލްތަކުން ރައްޔިތުންނަށް އާންމު ޚިދުމަތްދޭ ބިންތަކުން ކުލިނަގާކަމަށެވެ. ފެނާއި ކަރަންޓާއި ނަރުދަމާ އަދި އެފަދަ އެހެން އާންމު ޚިދުމަތްތައްދޭ ބިންތަކުން ވަރަށް ބޮޑު ކުލި ނަގާކަމަށެވެ. އެހެންކަމުން ޤާނޫނަށް ގެނައި ދެވަނަ އިޞްލާހަކީ ރައްޔިތުންނަށް އާންމު ޚިދުމަތްދޭ ބިންތަކުން ކުލި ނުނެގޭނެ އިޞްލާހެއްކަމަށެވެ. އަދި ކުލި ނެގުުމުން ރައްޔިތުންނަށް ދޭ ޚިދުމަތުގެ އަގު ބޮޑުވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކައުންސިލްތަކުން އާމްދަނީ ހޯދުމަށް ޤާނޫނުން ޖާގަ ވަރަށް ފުޅާކޮށް އޮންނަކަމަށާއި، ވިޔަފާރިއެއް ކޮށްފިނަމަ ޓެކްސް ދައްކަންޖެހޭނަކަމަށް ޤާނޫނުގައި ސާފުކޮށް ބަޔާންކުރާކަމަށްވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް ކައުންސިލްތަކުން ވިޔަފާރިކޮށްގެން ލިބޭ އާމްދަނީން ޓެކްސް ނުދައްކާކަމަށް ރައީސް ވިދާޅުވިއެވެ. އެ ޓެކްސްއަކީ ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ނަގާ ޓެކްސްއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
“އެހެންކަމުން އާމްދަނީ ޓެކްސް ނެގުން މަޖުބޫރުވާގޮތަށް މި ގެނަންނީ އިޞްލާހެއް. އެއީވެސް ރައްޔިތުންނަށް އެ ޓެކްސް ނަގައިގެން ކަންކަން ކޮށްދިނުމަށް. އަނެއްކާވެސް ރައްޔިތުން ބާރުވެރިކޮށް ކަންކަން ކޮށްދިނުމަށް ގެންނަ އިސްލާހެއް.”ރައީސް ވިދާޅުވިއެވެ.
ކައުންސިލްތަކުގެ އެކައުންޓުތަކުގައި ހުންނަ ފައިސާއާއި އާމްދަނީ ގިނަ ކައުންސިލްތަކުން ރައްޔިތުންނާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީއަށްވެސް ހާމަނުކުރާކަށާއި، އެއީ ދެފުއް ފެންނަ ގޮތެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ޤާނޫނަށް ގެނައި ހަތަރުވަނަ އިޞްލާހަކީ ރައްޔިތުން ހޮވާފައިތިބޭ ކައުންސިލަރުން ކައުންސިލްތައް ހިންގާއިރު އެ ހޯދާ އާމްދަނީ އާއި ފައިސާ ހޯދުމަށްފަހު އެލްޖީއޭ ހިއްސާކުރުން ލާޒިމްކުރުންކަމަށް ރައީސް ވިދާޅުވިއެވެ.
“އެއީ ޤާނޫނުގައި ލިޔަންވެސް ޖެހޭ އެއްޗެއްވެސް ނޫން. އެކަމަކު އެކަން ނުކުރާތީ އެންމެ ފަހުން ލިޔަން. އެއީ ދެން މިގެނައި އިޞްލާހަކީ. ކޮބައިތޯ މީގަ ރައްޔިތެއްގެ ބާރު ކައުންސިލެއްގެ ބާރު ހަނިކޮށްފައި” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބައެއް ކައުންސިލްތަކުން އިންތިޚާބާ ކައިރިކޮށްފައި ޒިންމާދާރުކަން ކުޑަކޮށް، ސިޔާސީ މަޤްޞަދު ހާސިލްކުރުމަށް ރަށްރަށުގެ ބިންތައް ކުއްޔަށްދީ، އެތައް ބަޔަކު ކޮންޓްރެކްޓަށް ވަޒީފާއަށް ނަގާކަަމަށެވެ. ރަށުގެ ތަރައްގީގެ ޕްލޭނަކީ ރައްޔިތުންނާ ބައްދަލުކޮށް ކުރިން ފާސްކުރަންޖެހޭ އެއްޗެއްކަމަށާއި، ނަމަވެސް އެ ޕްލޭންގައި ނެތް ކަންތައްތަކެއް ކުއްލިއަކަށް ބައެއް ކައުންސިލްތަކުން ފަށާކަަމަށެވެ.
“ޤާނޫނޫގަ ހުއްދަކަމެއް ނޫން ޒިންމާދާރުކޮށް ކައުންސިލްތައް ހިނގާނަމަ އެއީއެއް. އިންތިޚަބާއި ކައިރި ކޮށްފައި. ސިޔާސީ ބޭނުމެއްގައި ބައެއް ކައުންސިލްތަކުން މިކަން ކުރަނީ. އެހެންވީމަ މިކަންކަންކުރާނަމަ އެލްޖީއޭއަށް ހުށައަޅައި ހުއްދަ ނަގާށޭ. އެއީ ޤާނޫނުގައި ހުރި މެންޑޭޓްތެރޭގައި. ހ އިން ފެށިގެން ޖ އާއި ހަމައަށް ހުންނާނެ ކައުންސިލްތަކުގެ ޒިންމާތައް. އެ ޒިންމާތައް އަދާކުރަންތޯ މިބިންތައް ކުއްޔަށް މިދެނީ؟ އެ ޒިންމާތައް އަދާކުރަންތޯ ކުއްލިއަކަށް މުވައްޒަފުން މިނަގަނީ.؟ އެ ޒިންމާ އަދާކުރަންތޯ ތަރައްްީގެ ޕްލޭންގައި ނެތް މަޝްރޫޢުއެއް ކުއްލިއަކަށް މި ފަށަންޖެހުނީ؟”ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ޗެމްޕިއަންކުރުމަށް ގެންނަންޖެހޭ އިޞްލާހުތަކެއްކަމަށެވެ. ލާމަރުކަޒީ ނިޒާމަކީ ސަރުކާރުން ބަލައިގަންނަ، އަދި ވަރަށް ބޮޑަށް ހިންގަން ބޭނުންވާ ނިޒާމެއްކަމަށާއި، އިސްލާހުތައް ގެންނަނީ އެ ނިޒާމު އިތުރަށް ތަރަޤްީކުރުމަށްކަމަށެވެ. ނަމަވެސް އެކަންކަން އޮޅޭގޮތަށް ބައެއް ކައުންސިލްތަކުން ވާހަކަ ދައްކާކަމަށާއި، ފަހަރުގައި އެއީ އެފަރާތްތަކަށް އިޞްލާހު ސާފު ނުވާތީ ދައްކާ ވާހަކަތަކަކަށް ވެދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޒިންމާދާރުކަމާއެކު ޚިދުމަތް ދިނުމަކީ ސިޔާސީ ވިސްނުން ދޫކޮށްލައި، ހުރިހާ ރައްޔިތުން ހަމަހަމަކަމަށް ގަބޫލޮށްގެން ޚިދުމަތް ދިނުންކަށެވެ. އަދި ސަރުކާރު ހިންގަނީ ތާއީދުކުރާ ފިކުރެއްގެ ބަޔަކަށް ނުވިނަމަވެސް ޒިންމާދާރުކަމާއެކު ފުރިހަމައަށް ކައުންސިލުން އެއްބާރުލުުން ދޭންޖެހޭކަމަށެވެ. އެގޮތަށް އެކަންކުރާނަމަ ބާރު ސްޕީޑުގައި ވަޢުދުތައް ފުއްދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ސިޔާސީ ޚިޔާލު ތަފާތުވުމުގެ ތެރެއިން ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ހުރަސްއެޅުމަށް ފުރުޞަތު ނުދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.