ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ، ރަށުގެ ސިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް، ބައެއް ވަޞީލަތްތައް ގާއިމުކުރުމާއި އަވަށު މެދުގައި ފެނަކަ ހުރުމުގެ ސަބަބުން ދިމާވާ ދަތިތަކާއި ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމާއި ފެނަކައިގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެނަކައަށް އައު އޮފީސް އިމާރާތެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެއިތުރުން ރަށުގެ ޓޫރިޒަމް ޒޯނަށް ކަރަންޓު ދެވޭނެ ގޮތެއް ވީހާވެސް އަވަހަކަށް ހަދައިދިނުމާއެކު އިކޯ ޓޫރިޒަމަށް ފުރުޞަތު ހޯދައިދިނުމުގެ އިތުރުން ގޮއިދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި ސްޓާފް ރޫމްގެ މަސައްކަތް ހުއްޓިފައި އޮތުމުގެ އިތުރުން ސްކޫލްގެ ކަރަންޓުގެ ހާލަތުގެ ކަންބޮޑުވުން މި ބައްދަލުކުރެއްވުމުގައި ފާޅުކުރައްވާފައިވެއެވެ. އަދި ކައުންސިލްގެ ފަރާތުން ވަނީ ސްކޫލް މަލްޓިޕާޕަސް ހޯލާއި ސްޕޯޓްސް ކަނދުފަތީގެ އަޕްޑޭޓެއް ލިބެން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.