ޚަބަރު

މަޖިލީހުގެ ދައުރު މިމަހުގެ 21އާ ހަމައަށް އިތުރު ކުރަން ފާސްކޮށްފި


  • 59 މެންބަރުންގެ ވޯޓުން މަޖިލީހުގެ ދައުރު އިތުރުކުރަންވަނީ ފާސްކޮށްފައި

  • މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތަކީ ޖޫން 1އިން ފެށިގެން އޯގަސްޓް 15އާ ހަމައަށް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު މިމަހުގެ 21 އާ ހަމައަށް އިތުރު ކުރުމަށް ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ވޯޓުންނެވެ. ދައުރުގެ މުއްދަތު އިތުރު ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅުއްވީ ރިޔާސަތުންނެވެ. އެގޮތަށް ހުށަހެޅުއްވީ މި ދައުރުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން އެ މަސައްކަތްތައް ނިންމުމަށް ކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދުގައިވާގޮތުން ކޮންމެ އަހަރަކުވެސް 3 ދައުރަކަށް ބަހާލައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނެއެވެ. އެއީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެއި 15ގެ ނިޔަލަށް ކުރިއަށްދާ ފުރަތަމަ ދައުރުގެ ޖަލްސާތަކާއި، ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ ދެވަނަ ދައުރުގެ ޖަލްސާތައް އަދި އޮކްޓޯބަރު މަހުގެ އެކަކުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ ތިންވަނަ ދައުރުގެ ޖަލްސާތަކެވެ.

މިމުއްދަތުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު މަސައްކަތްތައް ނުނިމޭނަމަ އެ ދައުރެއްގެ މުއްދަތު އިތުރުކުރެއެވެ. މިގޮތަށް ދައުރުގެ މުއްދަތު އިތުރު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ފާސްކޮށްގެންނެވެ.