ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ތުޅާދުއަށް ވަޑައިގެންފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅަށް ކުރައްވާ ދަތުފުޅުގައި ވަޑައިގެންނެވި 5 ވަނަ ރަށެވެ.
ބ. ތުޅާދުއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުންވަނީ އެމަނިކުފާނަށް ހޫނު މަރުޙާބާއެއް ދަންނަވާފައެވެ.
ތުޅާދޫއަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެރަށުގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫއުތަކެއް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ރައީސްގެ މި ދަތުރުފުޅުގައި ތުޅާދޫ ފުލުހުންގެ މަރުކަޒުގެ ބިންގާއެޅުމާއި، ތުޅާދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވާދެއްވުން ހިމެނެއެވެ. ހަމަމިއާއެކު، ރައީސުލްޖުމްހޫރިއްޔާ ތުޅާދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުންވެސް މި ދަތުރުފުޅުގައި އޮންނާނެއެވެ.
މިމަހުގެ 11އިން 14އަށް ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ރައީސް ވަޑައިގަންނަވާނެއެވެ. އެއީ ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހެވެ.
ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވައެވެ.
އަތޮޅުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރަމުން ގެންދަވާ ދަތުރުފުޅަކީ، ރައްޔިތުންގެ ގާތަށް ވަޑައިގެން ޙާލަތު ބެއްލުވުމަށް ކުރައްވަމުންދާ ދަތުރުފުޅެކެވެ. އަދި ކައުންސިލްތަކާ ބައްދަލުކުރައްވާ ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ހޯދުންމަކީވެސް މި ދަތުރުފުޅުތަކުގެ މަޤްސަދެކެވެ.