ޚަބަރު

މާޒިޔާ ނިކުންނާނީ ގުރޫޕް ސުޓޭޖަށް ދިއުމުގެ އަޒުމުގައި، މިއީ ގައުމީ ކަމެއް: ހެނާންޑޭޒް


އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ސްޓޭޖުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން އަލް އަރަބީއާއި ދެކޮޅަށް ނިކުންނާނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ގުރޫޕް ސުޓޭޖަށް ދިއުމުގެ އަޒުމުގައި ކަމަށް މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.

މާދަމާ ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެނާންޑޭޒް ބުނީ ކުވެއިތުގެ އަލް އަރަބިއާއި ވާދަކުރެވޭ ވަރަށް ޓީމު އޮތީ ތައްޔާރަށްކަމަށާއި، މި މެޗުން މޮޅުވުމަކީ ގައުމަށް ކޮށްދޭ ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

މިދިޔަ ހަފްތާތަކުގައި މާޒިޔާއިން ތައްޔާރުވަމުން އައީ އެޓޭކިން އާއި ޑިފެންސަށް ވަރަށް ބޮޑަށް ވިސްނައިގެން ކަމަށާއި، މި މެޗުގައި މާޒިޔާގެ ކުޅުންތެރިންގެ ޑިފެންސް ކުރިޔަށްވުރެ ރަނގަޅުވާނެ ކަމަށްވެސް ކޯޗު ފާހަގަ ކުރިއެވެ.

މި މެޗަކީ ދެޓީމަށްވެސް އުނދަގޫ މެޗަކަށްވާނެ ކަމަށާއި އެހެންނަމަވެސް އެޓޭކިން އާއި ޑިފެންސަށް ވިސްނައިގެން ފޯކަސްކޮށްގެން ފަސޭހަކޮށްނުލާ ކުޅެފިނަމަ މާޒިޔާއަށް މި މެޗު ކާމިޔާބު ކުރެވޭނެ ކަމަށް ހެނާންޑޭޒް ބުންޏެވެ.

މެންދުރުފަހު 15:00 ގައި މި މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ހެނާންޑޭޒް ބުނީ މޫސުމަށް ބަލާއިރު ހޫނުގެ ސަބަބުން ކުޅެން އުނދަގޫވާނެ ކަމަށާއި، އެހެންނަމަވެސް އެކަމަށ ކުޅުންތެރިން ހޭނުމަށް ފަރިތަކުރުންތަކުގައި މަސައްކަތް ކުރިކަމަށެވެ.

ހެނާންޑޭޒް ބުނީ ކުވެއިތުގައި އޭނާ 2 އަހަރު ދުވަހު މަސައްކަތް ކުރި ކަމަށާއި، އެހެންވީމަ އަރަބީގެ ސްޓައިލް އެނގޭ ކަމަށެވެ. އަދި މާޒިޔާގެ ކުޅުން ވަރަށް ބޮޑަށް 2021 ވަނަ އަހަރުން ފެށިގެން ބަލަމުން އަންނަ ކަމަށާއި، މާޒިޔާގެ ކުޅުން މިހާރު ވަރަށް ބޮޑުތަކުން ރަނގަޅު ކޮށްފައިވާކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.

ހެނާންޑޭސް ބުނީ މި މެޗުގައި ފަސޭހަ ކޮށްލައިފިނަމަ އުނދަގޫވާނެ ކަމަށާއި ކުޅުންތެރިން މި މެޗަށް ވަރަށް ބޮޑަށް ފޯކަސް ކުރަން ޖެހޭނެ ކަމަށެވެ.

އަދި އޭނާގެ ޒިންމާ މިއޮތީ ދެގުނަވެފައި ކަމަށާއި، އެއީ މާޒިޔާއަށް އެހީވުމުގެ އިތުރުން ޤައުމީ ޓީމަށް އެހީވުމުގެ ޒިންމާކަމަށް ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މާޒިޔާގެ ކޯޗު ހެނާންޑޭޒް ބުންޏެވެ.

ހެނާންޑޭސް ބުނީ މި މެޗަކީ ރާއްޖޭގެ ފުޓްބޯޅައަށްވެސް މުހިންމު މެޗެއް ކަމަށާއ، ހުރިހާ އެންމެންވެސް މި މެޗުން މާޒިޔާއަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތްކޮށްދިނުމަށް އެދޭ ކަމަށެވެ.

އަދި އަރަބި އާއި ދެކޮޅަށް ކުޅޭ މެޗަށް ނިކުންނަ އިރު ޓީމުގެ ހުރިހާ ކުޅުންތެރިންނާމެދުވެސް ވަރަށް ބޮޑަށް އިތުބާރު އެބައޮތް ކަމަށް ކޯޗު ބުންޏެވެ.

މާޒިޔާގެ ކެޕްޓަން ސަމޫހު އަލީ ބުނީ ކޮންމެ އަހަރަކުވެސް އޭއެފްސީގައި ވާދަކުރާއިރު، މިއަހަރު މިދަނީ ގުރޫޕް ސްޓޭޖުގެ ޖާގައެއް ހޯދުމަށް ކަމަށެވެ. އަދި ފަރިތަކުރުންތަކުގައި އެޓޭކިންއަށް ވިސްނައިގެން ކޯޗުގެ އިރުޝާދުގެ ދަށުން ހުރިހާ ކުޅުންތެރިންވެސް ތިބީ މާދަމާގެ މެޗަށް ތައްޔާރަށް ކަމަށް ސަމޫހު ބުންޏެވެ.