ޚަބަރު

ސޮންގެ ފުރަތަމަ މެޗުން ލޮސް އެންޖެލެސް އެއްވަރު


އެމެރިކާގެ މޭޖަރ ލީގުގައި ލޮސް އެންޖެލެސް އެފްސީ އާއި ދެކޮޅަށް ޝިކާގޯ ފަޔާ ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.

މޭޖަރ ލީގުގައި މިހާތަނަށް ކުޅުނު 23 މެޗުން ލިބިފައިވާ 37 ޕޮއިންޓާއެކު ލޮސް އެންޖެލެސް އަށް ތާވަލުގެ 13 ވަނަ މަގާމު ލިބިފައިވާއިރު ޝިކާގޯ ފަޔާ އޮތީ ތާވަލުގެ 15 ވަނައިގަ އެވެ. އެއްވަނައިގައި އޮތް ފިލަޑެލްފިއާ ޔޫނިއަން ވަނީ 26 މެޗުން 51 ޕޮއިންޓް ލިބިފަ އެވެ.

މި މެޗުގެ 11 ވަނަ މިނިޓުގައި ޝިކާގޯ ފަޔާގެ ކާލޯސް ޓެރާން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް އޭގެ އަށް މިނިޓު ފަހުން ލޮސް އެންޖެލެސްގެ ރަޔާން ހޮލިންގްސްހެޑް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ލޮސް އެންޖެލެސްގެ ކޯޗު ވަނީ މެޗުގެ 61 ވަނަ މިނިޓުގައި އެ ޓީމާއި އަލަށް ގުޅުނު ދެކުނު ކޮރެއާގެ ކެޕްޓަން ސޮން ހިއުންމިން ކުޅެން އަރުވާފަ އެވެ.

މި މެޗުގައި ދެވަނަ ފަހަރަށް ޝިކާގޯ ފަޔާ އިން ކުރި ހޯދާފައިވަނީ މެޗުގެ 70 ވަނަ މިނިޓުގައި ޖޮނަތަން ބަމްބާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ލޮސް އެންޖެލެސް އިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 78 ވަނަ މިނިޓުގައި ސޮން ހިއުންމިން އަށް ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ބޮއަންގާ އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 20 ވަނަ ލަނޑެވެ.