ޚަބަރު

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ކަޔާން އާއި ޔާސިން ކުއާޓާ ފައިނަލަށް


އިންޑިއާގެ ޓެމިލްނާޑޫގައި ކުރިއަށްދާ ހަތަރުވަނަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2025 ގެ 18 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ކެޓެގަރީގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ދެ އެތުލީޓުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ކުއާޓަރފައިނަލްގެ ޖާގަ ހޯދާފައިވަނީ ޔޫސުފް ކަޔާން ހަމްދާން އަހުމަދު ޒަކީ (ކައި) އާއި ޔާސިން އަހުމަދު ނާޝިދެވެ. ރާއްޖޭގެ މި ދެ އެތުލީޓުންނަށް މުބާރާތުގެ ކުއާޓަރ ފައިނަލާއި ހަމައަށް އާދެވުނީ 33 އެތުލީޓުންނާއި ވާދަކޮށްގެންނެވެ. މިއާއެކު ކަޔާން އާއި ޔާސިން ވަނީ އޭޝިއާ ސަރަހައްދުގެ އެންމެ މޮޅު 8 އެތުލީޓުންގެ ތެރޭގައި ހިމެނިފައެވެ.

18 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ކެޓަގަރީގައި ވާދަކުރަމުން އަންނަ ޔޫސުފް ކަޔާން ކުއާޓަރފައިނަލްގެ ޖާގަ ހޯދީ ތިންވަނަ ބުރުގެ ދެވަނަ ހީޓުގައި ވާދަކޮށް 6.73 ގެ ސްކޯއަކުން ހީޓްގެ ދެވަނަ ހޯދައިގެންނެވެ. ޔާސިން ކުއާޓަރފައިނަލްގެ ޖާގަ ހޯދީ ތިންވަނަ ބުރުގެ 6 ވަނަ ހީޓްގައި ވާދަކޮށް 9.30 ގެ ސްކޯއަކުން ހީޓްގެ އެއްވަނަ ހޯދައިގެންނެވެ.