މިއަހަރުގެ ފުރަތަމަ 7 މަސް ދުވަހުގެ ތެރޭގައި ދަޢުލަތުން ކޮށްފައިވާ ޚަރަދުތަކަށްވުރެ ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމަށް މާލީ ކަންތައްތަކާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން ވަނީ ދަޢުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި، ދަޢުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް އާންމުކޮށްފައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 28 ހަފްތާތެރޭގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދަޢުލަތަށް ވަނީ 22.2 ބިލިޔަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދަޢުލަަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު 21.6 ބިލިޔަން ރުފިޔާއާއި އަޅައިބަލާއިރު 2.7 އިންސައްތަ އިތުރު އަދަދެކެވެ.
ދަޢުލަތަށް ލިބުނު އާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސްގެ އާމްދަނީގެ ގޮތުގައި ލިބުނު 17.1 ބިލިޔަން ރުފިޔާއާއި، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 4.8 ބިލިޔަން ރުފިޔާއެވެ.
ފާއިތުވި ހަފްތާގެ ނިޔަލަށް ދަޢުލަތުގެ ބަޖެޓުން 21.9 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދަޢުލަތުން ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު 17.4 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން، ދަޢުލަތުގެ ރިކަރަންޓް ޚަރަދު 2.2 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ޚަރަދުވަނީ 60.8 އިންސައްތައިން ދަށްވެފައެވެ.
ރިކަރަންޓް ޚަރަދުގެ 56.2 އިންސައްތަ ދަޢުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 7.3 އިންސައްތަ ދަށް ޢަދަދެކެވެ. އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ޚަރަދު 20.0 އިންސައްތައިން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ޚަރަދު ވަނީ 20.1 އިންސައްތައިން ދަށްވެފައެވެ.
މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ނިމިދިޔަ ހަފްތާގެ ނިޔަލަށް ކެޕިޓަލް ޚަރަދުގެ ގޮތުގައި ދަޢުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 2.7 ބިލިޔަން ރުފިޔާއެވެ. އެގޮތުން، މަގުހެދުމާއި ބްރިޖް އަދި އެއަރޕޯޓް ތަރައްޤީކުރުމަށް ހިނގާފައިވާ ޚަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް 2.3 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
2025ވަނަ އަހަރަށް އެކުލަވައިލައިފައިވާ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީއަށް 12.4 ބިލިޔަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ 3.4 ބިލިޔަން ރުފިޔާއެވެ.
މީގެ ތެރޭގައި ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމާ ގުޅޭ މަޝްރޫޢުތަކަށް 2.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ބޯހިޔާވަހިކަމުގެ އެކިއެކި މަޝްރޫއުތަކަށް 114.6 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ހަމައެއާއެކު ޕީއެސްއައިޕީއާގުޅޭ ތަފާތު އެކި ސިޔާސަތުތައް ހަރުދަނާކުރުމަށް މިއަހަރުގެ ތެރޭގައި ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކާއެކު، މިފަދަ ޕްރޮގްރާމްތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ޖުމުލަ ޚަރަދު ވަނީ ކުޑަކުރެވިފައެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ 'ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް' ރިޕޯޓްގައިވާ ގޮތުން، މިއަހަރުގެ ޖަނަވަރީމަހުގެ 1ވަނަ ދުވަހުން ފެށިގެން މިދިޔަ ޖުލައި މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ދަޢުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް 314.3 މިލިޔަން ރުފިޔާގެ ސަރޕްލަސްއެއްގައި ދަމަހައްޓައިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދަޢުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް ހުރީ 6.4 ބިލިޔަން ރުފިޔާގެ ޑެފިސިޓެއްގައެވެ. އަދި އޭގެ ކުރިން، 2023ވަނަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ދަޢުލަތުގެ ބަޖެޓުގެ އޯވަރޮލް ބެލެންސްވެސް ހުރީ 4.2 ބިލިޔަން ރުފިޔާގެ ޑެފިސިޓެއްގައެވެ.