ޚަބަރު

ކައުންސިލްތަކުގެ މާލީ ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރަން ޤާނޫނަށް އިސްލާހު ގެންނަށް ފާސްކޮށްފި


ކައުންސިލްތަކުގެ މާލީ ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިސްލާޙުތަކުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި 51 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ހުށަހެޅުއްވި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކެއް ކަނޑައަޅުމާއި، ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ދޭ ގްރާންޓް ދިނުމުގެ އުސޫލް މުރާޖަޢާކުރުން ވަނީ ހިމަނާފައެވެ. މީގެ އިތުރުން ކައުންސިލުގެ އުމުރުގެ ފަހު އަހަރު މާލީ ކަންކަން ނިންމުމުގެ އުސޫލުތަށްވެސް މި ބިލުގައިވަނީ ބަޔާންކޮށްފައެވެ.

މި ބިލުގައި ކައުންސިލްތަކުގެ ދަށުން އުފައްދާފައިވާ ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް ކުރެވޭނެ ވަކި ވިޔަފާރިތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެރަށެއްގައި ކުންފުނި ނިސްބަތްވާ ރަށްތަކުގައި އަމިއްލަ ފަރާތަކުން ކުރަމުންދާ އިޤްޠިޞާދީ މަސައްކަތެއް ނުކުރެވޭ ގޮތަށް އިސްލާހެއް ހިމަނާފައިވެއެވެ. މީގެ އިތުރުން އެކުންފުނިން ކުރާ މަސައްކަތަކީ ރަށުގެ ތަރައްޤީއަށް ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވުމާއި އެކުންފުނީގެ އިންވެސްޓްމެންޓަކީ 10 މިލިޔަން ރުފިޔާއަށް ވުރެ ބޮޑު އިންވެސްޓްމެންޓަކަށް ވާންޖެހޭނެ ކަމަށް ބިލުގައި ހިމަނާފައިވެއެވެ.

ލާމަރުކަޒީ ޤާނޫނު ހަރުދަނާ ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، އަސާސީ ޚިދުމަތް ދިނުމަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނުނެގޭނެކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް ބޭންކް އެކައުންޓެއް ހުޅުވާ ނަމަ އޭގެ ތަފްސީލްތައް މާލީ ވުޒާރާއާއި ހިއްސާކުރުމަށް، ދައުލަތުގެ އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއް އޮވެ 6 މަސް ދުވަސް ވެފައިވާނަމަ، ދައުލަތުން ކައުންސިލްތަކަށް ދޭ ގްރާންޓް ދޫކުރަން ވާނީ އެފައިސާ އުނިކުރުމަށް ފަހު ކަމަށް ބިލުގައިއެވެ.

މީގެ އިތުރުން ކައުންސިލުގެ ދައުރުގެ ފަހު އަހަރު، ކައުންސިލުން އެކައަޅާފައިވާ ތަރައްޤީގެ ޕްލޭންގައި ނުހިމެނޭ ކަންކަން ނުފެށުމަށާއި، މުވައްޒަފުން ނެގުމާއި ބިމާއި ފަޅު އަދި ފަރު ސަރަހައްދު ކުއްޔަށް ދިނުމުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލަކުން އެކަންކަން ކުރިއަށް ގެންދިއުމަށް ޤާނޫނުގައި ހިމަނާފައިވެއެވެ.

މި ބިލުގެ ދިރާސާކުރުމުގެ މަސައްކަތް ނިންމާ ލާމަރުކަޒީ ކޮމެޓީން ރައްޔިތުން މަޖިލީހުގެ ތަޅުމަށް ބިލް ފޮނުވުމުން، ބިލާއި ގުޅޭ ބަހުސް ކުރިއަށް ގެންގޮސްފައިވެއެވެ. ކޮމެޓީ މަރުހަލާގައި ބިލަށް ގެނެސްފައިވަނީ ބިލަށް ޚިޔާލު ހުށަހަޅަން ހުޅުވާލުމުން ހުށަހެޅުނު ޚިޔާލުތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ. ނަމަވެސް މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވާ އިސްލާހުތަކަށް މާބޮޑު ބަދަލެއް ގެނެސްފައި ނުވެއެވެ.

މި ބިލް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 51 މެންބަރުންގެ ތާޢިދާއެކުއެވެ. ބިލާއި ދެކޮޅަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ.