ކުޅިވަރު

ޑޮންނަރުންމާ އާއި ޕީއެސްޖީ މައްސަލަ ޖެހިގެން އުޅެނީ ކީއްވެ؟


ފްރާންސްގެ ޕީއެސްޖީގެ ގޯލްކީޕަރު އިޓަލީގެ ޖިއަންލުއިޖީ ޑޮންނަރުންމާ އާއި ކުލަބާ ދެމެދު މައްސަލަ ޖެހިއްޖެއެވެ. ކީއްވެ ހެއްޔެވެ؟

ޑޮންނަރުންމާ އަކީ ހުސްވި ސީޒަނުގައި ޕީއެސްޖީގެ ތާރީހުގައި އެކުލަބަށް އަލަށް ލިބުނު ބޮޑު ކާމިޔާބީގެ އެންމެ ބޮޑު އެއް ހިއްސާދާރެވެ. ފްރާންސް ކަޕާއި ފްރާންސް ލީގު އަދި ފުރަތަމަ ފަހަރަށް ޔޫރަޕިއަންސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރީ އޭނާގެ ހުށިޔާރު ކަމާއެކުގަ އެވެ. މިއަށް ފަހު ފީފާ ކުލަބު ވޯލްޑް ކަޕް ފައިނަލަށް އެ ޓީމު ދަތުރު ކުރީ ވެސް އޭނާ ގޯލުގައި ހުރެގެންނެވެ.

އެކަމަށް މިއަށް ފަހު މަންޒަރު ވަނީ ބަދަލުވާން ފަށައިފަ އެވެ. ޕީއެސްޖީން ވަނީ ފުރަތަމަ 11ގައި ކުޅެވޭ ވަރުގެ ކީޕަރުން ގެންނަން ފަށައިފަ އެވެ. މި ގޮތުން ގެންނަ އެއް ކީޕަރަކީ ފްރާންސްގެ ލިލްއަށް ކުޅޭ ކީޕަރު ލޫކަސް ޝިވަލިއާ އެވެ. އޭނާ ގެންނަނީ 40 މިލިއަން ޑޮލަރު ދީފަ އެވެ. މީގެ އިތުރުން ވެސް ބައެއް ކީޕަރުން ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ޕީއެސްޖީގެ މި މަސައްކަތުގެ އަމާޒަކީ ޑޮންނަރުންމާގެ ބަދަލުގައި ތިން ދަނޑީގެ މެދުގައި ހުންނާނެ އިތުބާރު ކީޕަރަކު ހޯދުމެވެ.

ޕީއެސްޖީން މިހާރު ބޭނުންވަނީ 26 އަހަރުގެ ޑޮންނަރުންމާއާ އެކު ކުރިއަށް ދިއުމުގެ ކުރިން އެ ކުލަބުގެ ޕޮލިސީތަކަށް އޭނާ އެއްބަސްވުމަށެވެ. މި ގޮތުން ފުރަތަމަ ކަމަކީ އެ ކުލަބުގެ އައު މުސާރައިގެ އޮނިގަނޑަށް ޑޮންނަރުންމާ އެއްބަސްވުމެވެ. އޭނާގެ ކޮންޓްރެކްޓްގައި ބާކީ އޮތީ އެންމެ އަހަރެކެވެ. މި އެއްބަސްވުން އައު ކުރަން ދެ ފަރާތުން މިހާތަނަށް ދެއްކި ވާހަކަތަކަށް ކޮޅެއްގައި ނުޖެހި އޮތީ ވެސް އައު މުސާރައިގެ އޮނިގަނޑަށް ޑޮންނަރުންމާ އެއްބަސް ނުވާތީ އެވެ. ސަބަބަކީ އެ އޮނިގަނޑުގެ ދަށުން އޭނާ އަށް މިހާރު ލިބޭ މުސާރަ ބޮޑުތަކުން ކުޑަވާނެތީ އެވެ.

އެކަމަކު ޕީއެސްޖީން ބޭނުންވަނީ އައު އޮނިގަނޑަށް އެއްބަސްނުވާނަމަ ޑޮންނަރުންމާ ކުލަބު ދޫކޮށް ދިއުމަށެވެ. މި ގޮތުން އޭނާ އަށް ބޭނުން ކުލަބަކާ ވާހަކަ ދެއްކުމުގެ ފުރުސަތު ޕީއެސްޖީން ވަނީ ދީފަ އެވެ. ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑުން ވެސް އޭނާ އަށް ޝައުގުވެރިވެ އެވެ. އެކަމަކު މައްސަލަ އަކީ އޭނާ ވިއްކާލަން ޕީއެސްޖީ ކިޔާ އަގު ބޮޑުވުމާއި މުސާރައިގެ މައްސަލަ އެވެ. މިލިއަނުން ކުޅުންތެރިން ގަތުމަށް ހޭދަކުރި ގިނަ ކުލަބުތަކުން މިހާރު ވަނީ މުސާރަތައް ކުޑަކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ފަށައިފަ އެވެ.