ޚަބަރު

އެއް އަހަރު ފަހުން އޮބަމެޔަން މާސޭއަށް


ސައުދީ އަރަބިއްޔާގެ އަލް ގަދުސިއާގައި އެއް އަހަރު ހޭދަކުރުމަށްފަހު ޕިއޭ-އެމެރިކް އޮބަމެޔަން އެނބުރި ފްރާންސްގެ މާސޭއަށް ބަދަލުވެއްޖެއެވެ.

ސައުދީ ޕްރޯ ލީގަށް އަލަށް ޕްރޮމޯޓް ވި އަލް ގަދްސިއާ އާއި ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މިދިޔަ އަހަރު ގުޅުނު އޮބަމެޔަން އާއި އެކު އެ ކްލަބުން ހަދާފައިވާ އެއްބަސްވުން ވަނީ މިދިޔަ މަހު އުވާލާފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް އާސެނަލް އާއި ޗެލްސީގެ އިތުރުން ސްޕެއިންގެ ބާސެލޯނާއަށް ވެސް ކުރިން ކުޅުނު ގެބޮންގެ ފޯވަޑް ވަނީ މާސޭ އާއިއެކު 24-2023 ވަނަ އަހަރުގެ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އޭނާ ވަނީ ހުރިހާ މުބާރާތެއްގައި އެ ކްލަބަށް ޖުމްލަ 30 ލަނޑު ޖަހައިދީފަ އެވެ. މިއީ ފާއިތުވެދިޔަ 20 ވަރަކަށް އަހަރުގެ ތެރޭގައި ޑިޑިއޭ ޑްރޮގްބާ އަށް ފަހު މި އަދަދަށް މާސޭގެ ކުޅުންތެރިއަކު ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

ހިލޭ ޓްރާންސްފާ އެއްގެ ދަށުން 2023 ވަނަ އަހަރު އޮބަމެޔަން މާސޭ އާއި ގުޅި އެ ކްލަބުގައި ދެއްކި މޮޅު ކުޅުމާއިއެކު ސައުދީގެ އަލް ގަދުސިއާ އިން އޭނާ ގެންދިޔަ ނަމަވެސް އެ ގައުމުގެ ޕްރޯ ލީގުގައި އޭނާއަށް ވަނީ އެދެވޭ ކުޅުމެއް ދެއްކޭ ގޮތް ނުވެފަ އެވެ.