ބާޒާރުގައި ފިޔާގެ އަގު ހެޔޮވެއްޖެއެވެ. ބާޒާރުގައި މިހާރު ފިޔާ ކިލޯއެއްގެ އަގު ހުރީ 20 ރުފިޔާއިން ދަށުގައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އާގު ބޯޓުތަކަށް ރާއްޖެ ނާދެވި، ފިޔާ ކްލިއަރކުރުމަށް ވަނީ ދަތިވެފައެވެ. އޭގެ ސަބަބުން ފިހާރަތަކަށް ފިޔާ ފޯރުކޮށްނުދެވި، ފިޔާ ލިބުން ވަނީ ދަތިވެފައެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ވިދާޅުވީ އެ ކުންފުނީގެ ކާގޯ އޮޕަރޭޝަންސްއިން ކުރި މަސައްކަތުން މިހާތަނަށް ޖުމްލަ 8228 ފިޔާ ބަސްތާ ކްލިއާރކޮށްފައިވާކަމަށެވެ. މޫސުން ގޯސްވުމުގެ ސަބަބުން ފިޔާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު ބާޒާރުގައި ފިޔާގެ އަގު ވަރަށް ބޮޑަށް އުފުލިގެން ދިޔައެވެ. އެގޮތުން ފިޔާ ކިލޯއެއްގެ އަގު 40 ރުފިޔާއިން މައްޗަށް އުފުލެނެވެ.
ބާޒާރުމަތީ ފިޔަފާރިވެރިން ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފިޔާ މިހާރު ބާޒާރައް ނެރެން ފެށުމުން ފިޔާގެ އަގު މިހާރު ހެޔޮވެފައިވާކަމަށެވެ. އެގޮތުން ކުރިން 40 ރުފިޔާއިން މަތީގެ ހުރި ފިޔާ ކިލޯ މިހާރު 20 ރުފިޔާ އަދި 18 ރުފިޔާއަށް ތިރިވެފައިވާކަމަށެވެ.
އެސްޓީއޯއި ވިދާޅުވީ ރާއްޖެއަށް ފިޔާ ލިބުމުގައި ދަތިވެފައިވަނީ މިދުވަސްވަރު މޫސުން ގޯސްކޮށް އުޅޭތީކަމަށެވެ. ފިޔާ ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ކުރަމުންދަކަމަށާއި، ފިޔާ ޝިޕްމަންޓް ގެންނަން މަސައްކަތްކުރަމުންދަނީ އިންޑިއާއިންކަމަށްވެސް އެ ކުންފުނިން މަޢުލޫމާތުދެއްވައެވެ.
އެސްޓީއޯއިން ވިދާޅުވީ ބަނދަރުގައި އޮތް ބޯޓުތަކުގެ ޝިޕްމަންޓްތައް މާކެޓަށް ލިބުމުން، ފިޔާ ލިބުމުގައި ދިމާވެފައިވާ ދަތިކަމަށް ކޮންމެވެސްވަރެއްގެ ޙައްލެއް ލިބޭނެކަމަށެވެ. އަދި އެސްޓީއޯއިންވެސް މަސައްކަތްކުރަމުންދަނީ ވިހާވެސް އަވަހަށް ފިޔާ ޝިޕްމަންޓް ރާއްޖެ ގެނެސް، ފިޔާ ލިބުމުގައި ދިމާވެފައިވާ ދަތިކަން ޙައްލުކޮށްދިނުމަށްކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
ފިޔާ ޢާންމުކޮށް ގެންނަނީ މުދާ އިމްޕޯޓްކުރާ އަމިއްލަ ވިޔަފާރިތަކުން ކަމަށްވާއިރު އެސްޓީއޯއިން ދާއިމީކޮށް ފިޔާ ނުގެނެއެވެ. ނަމަވެސް ޢާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ލިބުމުގައި ދަތިވާ ޙާލަތްތަކުގައި އެސްޓީއޯއިން އެހީތެރިކަން ފޯރުކޮށްދެއެވެ.