ކުރިއަށް އޮތް ސީޒަނަށް ބާސެލޯނާއަށް ނައިކީ ކުންފުނިން ތައްޔާރުކޮށްދިން ޖާޒީއާ މެދު ކުޅުންތެރިން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
ބާސެލޯނާއިން މި ޖާޒީގައި ކުޅުނު ފުރަތަމަ މެޗަކީ ޖަޕާނުގެ ވިސެލް ކޯބާ ދެކޮޅަށް މިދޔަ ހަފުތާގައި ކުޅުނު މެޗެވެ. އެއަށް ފަހު ކުޅުންތެރިން ވަނީ ޖާޒީ ބަރުވުމުގެ ޝަކުވާކޮށްފަ އެވެ. މި ގޮތުން ޗޭންޖިން ރޫމުގައި މި ޝަކުވާ އެންމެ ބޮޑަށް ކުރި ކުޅުންތެރިއަކީ ބްރެޒިލްގެ ފޯވަޑް ރަފީނިއާ އެވެ.
ހުސްވި ސީޒަނުގައި ބާސެލޯނާގައި މޮޅަށް ކުޅުނު ކުޅުންތެރިޔާ ބުނީ ނައިކީ ކުންފުނިން ބްރެޒިލްގެ ގައުމީ ޓީމަށް ތައްޔާރުކޮށްދީފައިވާ ޖާޒީއާ އަޅާ ބަލާއިރު ބާސެލޯނާގެ ޖާޒީ މާ އުނދަގޫ ކަމަށެވެ. ޖާޒީ ބަރުވުމުގެ އިތުރަށް ކުޅުންތެރިން ވަނީ މި ޖާޒީ ލައިގެން ތިބޭއިރު ގަޔަށް ހެޔޮވަރު ނުވުމާއި ޖާޒީގެ ބައްޓަން ގޯސްވުމުން ދަތިތަކެއް ހުރި ކަމަށް ބުނެފަ އެވެ.
މިކަމާ ހުރެ ބާސެލޯނާގެ މެނޭޖްމަންޓުން މިހާރު ވަނީ ނައިކީއާ މެދު މަޝްވަރާ ކުރަން ނިންމައިފަ އެވެ. އެއީ ކުޅުންތެރިންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ފަހު ކޯޗު ހަންސީ ފްލިކް ވެސް ޖާޒީ ކަމު ނުދާ ކަމަށް ބުނުމުންނެވެ.
އޭނާ ބުނީ ކުޅުންތެރިން ދަނޑުމަތީގައި އިތުރު ބުރައެއް އުފުލަން ޖެހޭ އެއްޗަކަށް ޖާޒީ ވެގެން ނުވާނެ ކަމަށެވެ. މިހެންވެ މިހާރުހެ ޖާޒީ ކުޅުންތެރިންނަށް ފަސޭހަވާނެ ގޮތަކަށް ބައްޓަން ކުރަން ޖެހޭ ކަމަށެވެ.
ނައިކީން ބާސެލޯނާ އަށް ޖާޒީ ތައްޔާރުކޮށްދޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އަދި މި ދެ ފަރާތުން ޖާޒީ ތައްޔާރު ކޮށްދިނުމުގެ އެއްބަސްވުން ވަނީ ކުރިއަށް ވުރެ ބޮޑު ފައިދާ އެއް ކުލަބަށް ލިބޭ ގޮތަށް އައުކޮށްފަ އެވެ.