އައިޖީއެމްއެޗްގައި ޤާއިމުކުރި އެމްސީޖީއެޗް އޮޕްޓިކަލްސްއިން މިހާތަނަށް 200 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ދީފައިވާކަމަށާއި ފުރަތަމަ ދުވަހު ޚިދުމަތް ހޯދި 63 މީހުންގެ އައިނު މިއަދު ހަވާލުކުރާނެކަމަށް އައިޖީއެމް ހޮސްޕިޓަލްއިން ވިދާޅުވެއްޖެއެވެ.
އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތަކީ، އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސަރުކާރުން ޤާއިމްކުރި އައިނު ފިހާރައެކެވެ.
އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތަކީ، އާސަންދައިގެ ދަށުން ތެރެއިން އަގުހެޔޮކޮށް އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދެމުންދަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންވާ ވަޢުދުފުޅުގެ ދަށުން ފެށި ޚިދުމަތެކެވެ. މި ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވީ މިމަހުގެ 27 ވަނަ ދުވަހުއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިޖީއެމް އޮޕްޓިކަލްސްއިން ބުނީ ޚިދުމަތް ދޭންފެށި ފުރަތަމަ ދުވަހު 80 މީހުން އައިނު ހެއްދުމަށް ނަން ނޯޓުކޮށްފައިވާކަމަށެވެ. އޭގެތެރެއިން 63 މީހުންގެ އައިނު ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.
އައިޖީއެމް އޮޕްޓިކަލްސްއިން ބުނީ އިއްޔެވެސް 133 މީހުން އައިނު ހެއްދުމަށް އެދިފައިވާކަމަށާއި، އަދި މިހާތަނަށް ޖުމްލަ 361 މީހަކު، އައިނު ހެއްދުމަށް އެދިފައިވާކަމަށެވެ.
އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތް ދޭނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން ރޭގަނޑު 10:00އަށެވެ. އަދި އެމްސީޖީއެޗް އޮޕްޓިކަލްސްއިން ދޭ ޚިދުމަތަކާ ގުޅޭ މަޢުލޫމާތު، 3335150 އަށް ގުޅައިގެން ހޯދޭނެއެވެ.
އައިނު ފިހާރައިން މިވަގުތު ޚިދުމަތް ފޯރުކޮށްދެމުންދަނީ އާސަންދައިގެ ދަށުން، ކޮންމެ 2 އަހަރަކުން ދޫކުރާ 2000 ރުފިޔާގެ ސްކީމްގެ ތެރެއިންނެވެ. އެހެންކަމުން ވޭތުވެދިޔަ 2 އަހަރު އާސަންދައިން އައިނު ހެއްދުމުގެ ޚިދުމަތް ހޯދާފައި ނެތް މީހުންނަށް، މިހާރު އައިޖީއެމް ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ އައިނު ފިހާރައިން އައިނު ހެއްދޭނެއެވެ.
އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދޭ ފިހާރައެއް ޤާއިމްކުރެއްވުމަށް ނިންމެވީ މިއީ އަސާސީ ސިއްޙީ ޚިދުމަތެއްގެގޮތުގައި ސަރުކާރުން ޤަބޫލުކުރައްވާތީއެވެ. އައިނު ފިހާރަ ހުޅުވުމާއެކު ގިނަ އަދަދެއްގެ ބަޔަކު، މި ޚިދުމަތަށް އެދެމުން ދިއުމަކީ އާއްމުން މި ޚިދުމަތް ބޭނުންވެފައިވާ މިންވަރު ހާމަވާކަމެކެވެ. އެގޮތުން ފުރަތަމަ 3 ދުވަހުވެސް ގިނަ ޢަދަދެއްގެ ބަޔަކު މިވަނީ ޚިދުމަތް ހޯދާފައެވެ.
ސަރުކާރުން ދަނީ ހުޅުމާލެ ހޮސްޕުޓަލްގައިވެސް އައިނު ފިހާރައެއް ހުޅުމުގެ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން ރީޖަނަލް ހޮސްޕިޓަލުތަކުންވެސް މި ޚިދުމަތް ފޯރުކޮށްދެއްވުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.