ގިނަ ޢަދަދެއްގެ މީހުން ގޮވައިގެން މާލެއިން ނައިފަރަށް ދަތުރުކުރި ބޯޓެއް ހުއްޓުމާއި ގުޅިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޯށްދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، 40 މީހުންނާއެކު މާލެއިން ފުރައިގެން ޅ.ނައިފަރަށް ދަތުރުކުރި ބޯޓެއް، ކާށިދޫގެ އިރުން އިންޖީނު ހުއްޓުމާ ގުޅިގެން، އެ ބޯޓުގައި ތިބި އަންހެނުންނާއި ކުޑަކުދިން ނައިފަރަށް ގެންދިއުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުންކަމަށެވެ.
އިންޖީނު މައްސަލައަކާއި ގުޅިގެން ކާށިދޫ ކައިރިއަށް ހުއްޓުނީ "ލައިފްލައިން" ނަމަކަށް ކިޔާ ބޯޓެކެވެ. މި ބޯޓުގައި ތިބި މީހުން ނައިފަރަށް ގެންގޮސްދިނުމުގައި ކޯސްޓްގާޑުގެ 2 ހާބަރކްރާފްޓް ލޯންޗާއި ކޯސްޓްގާޑުގެ ގަލްފްކްރަފްޓް ލޯންޗެއް ހަރަކާތްތެރިވަމުން އަންނަކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވިއެވެ. މި ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 08:15 ހާއިރުކަމަށްވެސް ދިފާޢީ ބާރުން ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް މި ދަނޑުވަޅުގައި ކަނޑުދަތުރުފަތުރުކުރުމަށް ސަމާލުވުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.