ޚަބަރު

ފައިނަލުން ބަލިވިޔަސް ޗެމްޕިއަންސް ލީގަށް ކުޑަހުރާ ނުކުންނާނީ ވަރުގަދަކޮށް: އަދުނާން


ރިސޯޓް ވޮލީ ލީގު 2025 ގެ ނޯތު މާލޭ ލީގުގެ ފައިނަލް މެޗުން ބަލިވި ނަމަވެސް، ކުރިއަށް އޮތް ޗެމްޕިއަންސް ލީގަށް ނުކުންނާނީ ޓީމު އިތުރަށް ވަރުގަދަކޮށްގެން ކަމަށް ފޯ ސީޒަން ރިސޯޓް ކުޑަހުރާގެ ކޯޗު އަދުނާން އަބްދުއްރަހީމް ބުނެފިއެވެ.

އަދުނާނު ބުނީ އެ މުބާރާތަށް ފޯސީޒަން ރިސޯޓް ކުޑަހުރާއިން ނިކުންނާނީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އަޒުމުގައި ކަމަށެވެ.

މިދިޔަ އަހަރު ފުރަތަމަފަހަރަށް ބޭއްވި ރިސޯޓް ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދި ކުޑަހުރާ މިއަހަރުގެ ފައިނަލުގައި ބަލިވީ ވަން އެންޑް އޮންލީ ރީތިރަށް އަތުން 2-3 ސެޓުންނެވެ.

ރީތިރަށުގައި ކުޅުނު ވާދަވެރި ފައިނަލްމެޗަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަމުން ކޯޗު އަދުނާނު ބުނީ ފޯ ސީޒަނަށް މެޗު ކާމިޔާބު ނުކުރެވުނީ ހެދުނު ކުދި ކުދި ގޯސްތަކެއްގެ ސަބަބުންކަމަށެވެ.

“ކޯޓުތެރެއަށް ވެއްޓޭ ބޯޅަތައް ނެގުމުގައި ތަންކޮޅެށް ބޮޑަށް އެރޭންޖް ނުވެ ދިޔައީ. ވަރަށް ބޮޑަށް އިރުޝާދުދިނިން” އަދުނާނު ބުންޏެވެ.

ރީތި ރަށަކީ ޓީމެއް ގޮތުގައި ވަރަށް ރަނގަޅު ޓީމެއް ކަމަށާއި ޕްރެކްޓިސް ކުރާތާވެސް ގިނަ ދުވަސްތަކެއް ވުމުން އެ ތަފާތު ފައިނަލް މެޗުގައިވެސް ފެނުނު ކަމަށް އަދުނާނު ބުންޏެވެ.

އަދި އެ ޓީމަށް އޮތް އަނެއް އެޑްވާންޓޭޗަކީ ހޯމް އެޑްވާންޓޭޖް ކަމަށާއި އޭގެ ފައިދާ ރީތިރަށަށް އޮތްކަމަށް އަދުނާނު ބުންޏެވެ.
އަދުނާނު ބުނީ ރީތިރަށުން ދެއްކީ ވަރަށް މޮޅު ކުޅުމެއް ކަމަށާއި ނޯތު މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާތީ އެ ޓީމުގެ ކުޅުންތެރިން ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާ ކަމަށެވެ.

މި މުބާރާތް އިންތިޒާމުކުރި ވޮލީބޯޅަ އެކަޑަމީ އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު ޝާފީ ބުނީ މިއީ ރިސޯޓްތަކުގެ ސްޓާފުން ހިތްހަމަޖެހޭވަރު ކަމެއް ކޮށްލަދެވޭތޯ އިންތިޒާމު ކުރި މުބާރާތެއް ކަމަށެވެ. އަދި ސައުތު މާލޭ ޒޯނާއި ނޯތް މާލޭ ޒޯން އަދި ބާ ޒޯނުގައިވެސް ރިސޯޓް ވޮލީ ލީގު ވަރަށް ފުރިހަމަކަމާއެކު ބޭއްވުނު ކަމަށެވެ.

ޝާފީ ބުނީ ރިސޯޓް ވޮލީ ލީގު ދެން އޮންނާނީ އޮގަސްޓް ތިނެއްގައި އދ ގައި ކަމަށެވެ.