އަވަށްޓެރި އިންޑިއާއައި ލަންކާއަކީ ދިވެހި ދައުލަތުގެ އެންމެ ޒަމާންވީ ބައިވެރިންނެވެ. ދިވެހިރާއްޖެ މިނިވަން މުސްތަޤިއްލު ޤައުމަކަށް ވުމާއެކު އެންމެ އަވަހަށް ގުޅުން ޤާއިމްކުރި ދެ ޤައުމަކީވެސް މިއީއެވެ. މި ގުޅުމަކީ، ހަމައެކަނި ސިޔާސީ ގުޅުމަކަށްވުރެ ބޮޑަށް ޒަމާންތަކެއްވީ ސަޤާފަތާއި ތާރީޚާއި، އެނޫންވެސް އެތަށް ގޮތަކުން ގުޅި ލާމެހިފައިވާ ގުޅުމެކެވެ.
މިގުޅުން އެތައް ދައުރަކަށް ދެމިގެންއައިސް މިހާތަނަށްވެސް ހީނަރުކަމެއް އައިސްފައިނުވެއެވެ. މިކަން އެންމެ ބޮޑަށް ހާމަވެގެން ދިޔައީ އަވަށްޓެރި ދެ ޤައުމުގެ ވެރިން މިމަހު ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމެވެ. މިކަމުން އެ ޤައުމުތަކުން ރާއްޖެއާއި އެކު އޮންނަ ގުޅުމަށް ދޭ ސަމާލުކަން ސާފުވެއެވެ.
ހަމައެކަނި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަތުރުފުޅަށް ބަލައިލާށެވެ. އެމަނިކުފާނުގެ ދަތުރުފުޅުގެ ތެރެއިން ފެނިގެން ދިޔައީ ރާއްޖޭގެ ތަރައްޤީގައި އިންޑިއާއިން އަދާ ކުރަމުންދާ ދައުރެވެ. ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް އިފްތިތާޙްކޮށްދެއްވިއިރު، އިތުރު މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ރާއްޖޭގެ މާލީ ހާލަތައް ބަލައި އިތުރު 565 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް ދޫކުރަން ނިންމަވައި ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކުރެއްވިއެވެ. މުޅި ޖުމްލަ 8 އެއްބަސްވުމެއްގައި ސޮއިކުރިއިރު، މި ހުރިހާ އެއްބަސްވުމަކީ ދެ ޤައުމަށް އޭގެ ފައިދާ ކުރާނެ އެއްބަސްވުންތަކެކެވެ.
ބައެއް ފަރާތްތަކުން އަވަށްޓެރި އިންޑިއާއާއި އޮތް ގުޅުން ހީނަރުވެފައިވާކަމަށް ދޭހަ ކޮށްދޭން މަސައްކަތް ކުރިނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެ ގުޅުމަށް ހީނަރުކަން ގެނެވޭނެ އެކަކުވެސް ނެތް ކަމަށެވެ. ދެ ޤައުމުގެ ދެތޭރޭ އޮތީ ބަދަހި ގުޅުމެއް ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
"އެތައް ޒަމާނެއް ކުރިން ފެށިގެން ވިޔަފާރިއާއި، ސަޤާފީ އެހެނިހެން ކަންކަމުގެ ތެރެއިން ބަދަހި ގުޅުމެއް އުފެދިފައިވޭ. އިންޑިއާ ކަނޑުން އަޅުގަނޑުމެންނަށް މި ގުޅުމުގެ ތާރީޚު ދައްކުވައިދޭ. އަދި އެއްވެސް އޮއިވަރެއްގައި ނުވަތަ ރާޅަކުން މި ގުޅުމެއް ކަނޑުވާ ނުލެވޭނެކަން ބުނެދޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އިންޑިއާގެ އިތުރުން ސްރީ ލަންކާއަކީވެސް ދިވެހިންގެ މުހިންމު ބައިވެރިއެކެވެ. މިވަގުތު އެޤައުމުގެ މާލީ ހާލަތު ތަން ނުދިނަސް، އެ ޤައުމުންވެސް ގުޅުންތައް ބަދަހިކުރަން އިސްކަންދޭކަން ހާމަވަނީ ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔާކަ ރައީސްކަމާއި ހަވާލުވެވަޑައިގެން، އަހަރެއް ނުވަނީސް ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއްގައި ވަޑައިގަތުމުންނެވެ.
އެ ޤައުމުން ވަނީ ދެ ޤައުމުގެ ދެމެދު ޤާނޫނީ ގޮތުން އެއްބާރުލުންދޭން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ޚާރިޖީ ދާއިރާއިން މީހުން ބިނާކުރުމުގެ މުހިންމު އެއްބަސްވުމުންވެސް އިންސާނީ ވަސީލަތް ބިނާކުރުމުގައި އެ ޤައުމުން ދޭ އެއްބާރުލުން ފާހަގަވެގެންދެއެވެ.
ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން އުޅެމުންދާ ޤައުމަކަށްވެފައި، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ދެ ޤައުމުގެ ބަދަހި ގުޅުން މުހިންމު ދައުރެއް އަދާކުރެއެވެ. ރައީސުލްޖުމްހޫރިއްޔާ މި ގުޅުން ސިފަ ކުރައްވަނީ ދެމެހެއްޓެނި ތަރައްޤީއަށް މަގުފަހިވެގެންދާ ގުޅުމެއްގެ ގޮތުގައެވެ.
"ފަތުރުވެރިކަން، ޑިޖިޓަލް ޓެކްނޮލޮޖީ، ސެކިއުރިޓީ ކޯޕަރޭޝަން އަދި ސަޤާފީގޮތުންވެސް ގުޅުންތައް އިތުރަށް ބަދަހިވެއްޖެ. މިއަދު، އެކުގައި ކުރެވޭ މަސައްކަތްތައް އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާތަކުން ފުޅާކުރެވިއްޖެ. އަދި މިހާރު ދެ ޤައުމުގެ މަސައްކަތްތައްވެސް ބައްޓަންކުރަމުންދަނީ، ބަދަލުވަމުން އަންނަ ދުނިޔެއާ އެއްހަމައެއްގައި މަސައްކަތްކުރުމަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އިންޑިއާއާއި ލަންކާ އަދި ރާއްޖެއަކީ ޖެހިޖެހިގެން އޮތް، ބޯޑަރުން ރޮނގުންވެސް ގުޅި ލާމެހިފައިވާ ދެ ޤައުމެކެވެ. ދެ ޤައުމުގެ ވެރިންގެ މި ދަތުރުޅުތަކުން ޔަޤީންވެގެން ދިޔަކަމަކީ ރާއްޖެއަށް ދެ ޤައުމުން އޮތް އިތުބާރެވެ. އަދި ތަރައްޤީގެ ބައިވެރިންގެ ގޮތުގައި ދެ ޤައުމުން އަބަދުވެސް ގާތް ގުޅުމެއް ދަމަހައްޓާނެކަމެވެ.