ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ދިމާކޮށް ޤައުމީ އެއަރލައިންގެ ބޯޓުތަކުގެ ބޭރުގައި ތާނަ އަކުރުން ދިވެހިރާއްޖެ ޖަހަން ނިންމައި، އެމަސައްކަތް މޯލްޑިވިއަނުން ވަނީ ފަށާފައެވެ. މިހާރު ބައެއް ބޯޓުތައްވަނީ އެގޮތައް ބަދަލުކޮށްފައެވެ.
ބޯޓުގައިތަކުގެ ބޭރުގައި ދިވެހިރާއްޖެ ޖަހާފައިވަނީ ޤައުމީ ދިދައިގެ ތިރީގައެވެ. މިގޮތައް ބަދަލުކޮށް އެންމެ ފުރަތަމަ ދައްކާލާފައިވަނީ މިއަހަރު އެ ކުންފުނީގެ ފްލީޓަށް ގެނައި ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓުގައެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ، ގައުމެއްގެ އަމިއްލަ މާދަރީބަސް އެ ޤައުމަކަށް މުހިންމުވާ ގޮތާއި އެހެނިހެން ބަސްބަސް އެ ޤައުމަކަށް މުހިންމުވާ ގޮތުގައި ތަފާތެއް ހުންނަކަމަށެވެ. މާދަރީ ބަހުގެ އެންމެ މުހިންމު އެއް ދައުރަކީ އެއްބައެއްކަން އަންގައި ދިނުމެވެ. މާދަރީ ބަހުގެ ސަބަބުން އެބައެއްގެ މެދުގައި އެއް ބައެއްކަމުގެ އިހްސާސެއް އުފައްދައިދޭކަމަށް ވަޒީރު ވިދާޅުވިއެވެ.
މޯލްޑިވިއަންގައި ދިވެހިރާއްޖޭގެ ނަން ތާނައިން ލިޔުއްވުމަކީ ދިވެހިވަންތަކަމުގެ ދާއިރާއިން ކުރިޔަށް އެޅުއްވި، ވަރަށް އުންމީދީ އުފާވެރި ފިޔަވަޅެއް.
— Adam Naseer Ibrahim (@Minister_MDLCH) July 28, 2025
މަރުޙަބާ
ގައުމަކަށް ދެމިއޮވެވެނީ އެއްބައެއްވަންތަ ގޮތުގައި އެކީގައި ދެމިތިބެގެންކަމަށާއި، އެކަން ކުރުމުގައި އެންމެ މުޖައްރިބު އެއް ހަތިޔާރަކީ އެބައެއްގެ މާދަރީ ބަސްކަމަށް ވަޒީރު ވިދާޅުވިއެވެ. ދުނިޔޭގެ ހުރިހައި ގައުމަކުންވެސް އެ ޤައުމެއްގެ ބަސް ކުރިއަރުވައި ދަމަހައްޓަން މަސައްކަތް ކުރަނީ އެހެންވެގެންކަމަށެވެ.
ވަޒީރު ވިދާޅުވީ، މޯލްޑިވިއަންގެ ފްލައިޓްތަކުގައި ދިވެހިރާއްޖޭގެ ނަން ތާނައިން ލިޔުމަކީ ދިވެހިވަންތަކަމުގެ ދާއިރާއިން ކުރިޔަށް އެޅި، ވަރަށް އުންމީދީ އުފާވެރި ފިޔަވަޅެއްކަމަށެވެ.
"މޯލްޑިވިއަންގެ ފްލައިޓެއްގައި ދިވެހިބަހުން ތާނައިން ނަންޖެހުން. އެކަން އަޅުގަނޑު ފާހަގަކުރީ އެއީ އަޅުގަނޑުމެންނަށް އަނެއްކާވެސް މިދާއިރާއިން އަޅުގަނޑުމެންގެ ވިސްނުމަށް އަޅުގަނޑުމެން ގަބޫލުކުރާ ގަބޫލުކުރުމަށް އައި ވަރަށް އުންމީދީ ހެޔޮ ބަދަލެއްގެ ގޮތުގައި. އަޅުގަނޑުމެން ކޮންމެ ކަމެއް ކުރިއަސް އަޅުގަނޑުމެންނަކީ އަޅުގަނޑުމެންކަން ދިވެހިންކަން ރަމްޒުކޮށްދޭ ރަމްޒުކޮށްދިނުމަކަށްވުން މުހިންމު ވާތީ އެކަމަށް މިދެންނެވި އަސާސް ރަމްޒުވާތީ." ވަޒީރު ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ބޯޓުތަކުގެ ލިވެރީއަށް ގެނައި ބަދަލާއި ގުޅޭގޮތުން އެއަރލައިން ހިންގާ އައިލޭންޑް އޭވިއޭޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ ޤައުމީ އެއަރލައިންގެ ހައިސީއްޔަތުން 'ދިވެހިރާއްޖެ' މި ބަސް އުދުހުންތަކުގައި ބޭނުންކުރަން ލިބޭ ފުރުސަތަކީ އެއެއަރލައިނަށް ލިބޭ ފަޚުރެއް ކަމަށެވެ. މިއަހަރަކީ ޤައުމީ އެއަރލައިނަށްވެސް މުހިންމު އަހަރެއްކަން ފާހަގަކޮށް ސަލީމް ވިދާޅުވީ މޯލްޑިވިއަންގެ ބޯޓުތައް އުދުހޭއިރު ޤައުމީ އެއަރލައިނުން ދިވެހި ސަޤާފަތާއި އަމިއްލަވަންތަކަން ހިފެހެއްޓުމަށް ދޭ ސަމާލުކަން ފެނިގެންދާނެ ކަމަށެވެ.
މޯލްޑިވިއަނުން ވިދާޅުވީ މި ބަދަލު އެ އެއަރލައިންގެ ހުރިހާ ބޯޓަކުންވެސް ފެނިގެންދާނެ ކަމަށެވެ. މި ބަދަލަކީ ދިވެހި ބަހާއި ތަރިކައަށް އަދި ޤައުމީ ފަޚުރު ރަމްޒުކޮށްދޭ ބަދަލެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއްވިއެވެ. އަދި މިއީ ދިވެހިންގެ އަމިއްލަވަންތަކަމާއި ޤައުމީ އެއަރލައިން ގުޅިފައިވާ މިންވަރު ދައްކުވައިދޭ ބަދަލެއްކަމަށް ވިދާޅުވިއެވެ.