ކުޅިވަރު

މޮޅު ކުޅުންތެރިއަކަށް ބޮންމާޓީ، ޑްރީމު ޓީމުގައި ސްޕޭނާއި އިނގިރޭސިން


އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ސްޕޭނުގެ އައިޓާނާ ބޮންމާޓީ ހޮވައިފި އެވެ.

ފައިނަލުގައި އިނގިރޭސިން އަތުން ބަލިވި ސްޕޭނުގެ މިޑްފީލްޑަރު ބޮންމާޓީ އަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ވެސް މޮޅު ކުޅުންތެރިޔާ އެވެ. އަދި ހުސްވި ދެ އަހަރު ދުނިޔެ އާއި ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

ޔޫރޯގެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާ މި ހޯދީ ފުރަތަމަ ދެ މެޗުގައި މަދު ވަގުތުކޮޅަކު ކުޅުމަށް ފަހު އެވެ. ނަމަވެސް އޭގެ ފަހުން ކުޅުނު މެޗުތަކުގައި ފުރަތަމަ 11ގައި ހިމެނިގެން މުބާރާތުގައި މޮޅު ކުޅުމެއް އޭނާ ވަނީ ދައްކައިފަ އެވެ. ބޮންމާޓީ އަށް ފުރަތަމަ މެޗުގައި ބެންޗުގައި އިންނަން ޖެހުނީ މުބާރާތަށް ހަފުތާއަކަށް ވެފައި ވަނިކޮށް ގަދަ ހުމެއް އައިސް ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުމުންނެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ އިނގިރޭސި ކީޕަރު ހަނާ ހެމްޓަން އެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވުނީ އިނގިރޭސި ޓީމުގެ 19 އަހަރުގެ މިޝޭއްލޭ އަގީމަންގެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ސްޕޭނުގެ އެސްތާ ގޮންޒާލޭޒް އެވެ. އޭނާ ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ.

މުބާރާތުގެ ޑްރީމު ޓީމުގައި ސްޕޭނާއި ޗެމްޕިއަން އިނގިރޭސިންގެ ހަތަރު ކުޅުންތެރިން ހިމެނުނެވެ. ސްޕޭނުން ހިމެނުނީ މިޑްފީލްޑަރުން ކަމަށްވާ ބިންމާޓީ އާއި ވައިސް ކެޕްޓަން އެލެޒިއާ ޕުޓެޔާސް އާއި ޕަތްރީ ގުއިޖާރޯ އެވެ. ދެން ހިމެނުނީ ޑިފެންޑަރު އަދި ކެޕްޓަން އިރޭނޭ ޕެރެޑޭސް އެވެ. މި ހުރިހާ ކުޅުންތެރިންނަކީ ވެސް ސްޕޭނުގެ ބާސެލޯނާގެ ކުޅުންތެރިންނެވެ.

މުބާރާތުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ބަލާފައި ޔޫއޭފާގެ ޓެކްނިކަލް ސްޓަޑީ ގްރޫޕުން ހޮވި ޑްރީމު ޓީމުގައި އިނގިރޭސިވިލާތުން ހިމެނުނީ ޗެލްސީގެ ކީޕަރު ހެމްޓަން އާއި ޗެލްސީގެ ކަނާތ ބެކް ލޫކީ ބްރޯންޒް އާއި އާސެނަލްގެ ފޯވަޑް އަލެސިއާ ރުސޯ އާއި އާސެނަލް އަށް ކުޅޭ ފޯވަޑް ކެލީ އެވެ. މި ޓީމުގައި ދެން ހިމެނުނީ ޖަރުމަނު ވިލާތުގެ ޑިފެންޑަރު ފްރާންޒިސްކާ ކެޓް އާއި ޖޫލޭ ބްރާންޑް އާއި އިޓަލީގެ ޑިފެންޑަރު އެލެނާ ލިނާރީ އެވެ.