މިނިވަން ދުވަހާއި ގުޅުވައިގެން ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި މީހުންނަށް ޚާއްސަކޮށްގެން ހަރަކާތްތަކެއް ކުރިއަށްގެންގޮސްފިއެވެ.
މި ހަރަކާތަކީ މުޖުތަމަޢުގެ އެހެން މީހުންނެކޭ އެއްގޮތަށް، މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އަދި އެފަދަ ފަރާތްތައް މުޖުތަމައުއަށް އަނބުރާ ގެނައުމަށް ބާރުވެރިކުރުންވެސް މި ޕްރޮގްރާމްގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ހުޅުމާލޭގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިވަގުތު ތިބި 16 މީހަކު ބައިވެރިވިއެވެ. މިގޮތުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ފަރާތްތަކުގެ ތެރެއިން މުޖުތަމައުއަށް އަނބުރާ ގެނެވޭ ހާލަތްތަކުގައި ތިބި ފަރާތްތައް މުޖުތަމައަށް އަހުލުވެރިކުރުމުގެ މަޤްސަދުގައި މިނިވަން 60އާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތައް ދައްކާލުމާއި އާއިލާގެ ފަރާތްތަކާއެކު ވަގުތު ހޭދަކޮށްދިނުމަށް މި ޕްރޮގްރާމުގެ ތެރެއިން މިއަދު ވަނީ ފުރުސަތު ފަހިކޮށްދީފައެވެ.
މިޕްރޮގްރާމް ފެށުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މިނިސްޓްރީ އޮފް ހެލްތު، އެޗްޑީސީ އަދި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓު ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމްއެވެ. އެއަށްފަހު މިނިވަން ދުވަސް ފާހަގަކުރުމަށް ކޭކެއް ފަޅާފައިވެއެވެ. އަދި އާއިލާތަކާއި ބައްދަލުކުރުމާއި ހުޅުމާލޭގައި ކުރިއަށްދިޔަ ފުޅަނދު ބުރު ބަލާލުންވެސް ކުރިއަށްގެންދިޔައެވެ.
މި ޕްރޮގްރާމަށް ފުލުހުންނާ ނަރސަސް އެސޯސިއޭޝަން، އަލްޒެއިމާސް އެސޯސިއޭޝަން އަދި މެންޓަލް ހެލްތް ފައުންޑޭޝަންއިންވެސް އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.
ކ. ގުރައިދޫގައި ހުންނަ ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ، 6 ޖޫން 1976ގައި، ގާއިމްކުރެވިފައިވާ މަރުކަޒަކެވެ.
ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ނުވަތަ "ހޯމް ފޯ ޕީޕަލް ވިތް ސްޕެޝަލް ނީޑްސް" މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެކި ކަހަލަ ނަފްސާނީ ބަލިހުންނަ ފަރާތްތަކުގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ މަރުކަޒެކެވެ.