ޚަބަރު

ފޭދޫ ފިނޮޅުގައި ތަރައްޤީކުރި ރިސޯޓު ހުޅުވައިފި


  • މިއީ ދުސިތު އިންޓަރނޭޝަނަލް ބުރޭންޑުގެ ރިސޯޓެއް

  • މި ރިސޯޓްގައި 127 ވިލާ ހުރޭ

މާލެ އަތޮޅުގައި ތަރައްޤީކޮށްފައިވާ ދުސިތު ޑީ2 ފޭދޫ މޯލްޑިވްސް ރިސޯޓު ހުޅުވައިފިއެވެ.

މި ރިސޯޓަކީ ތައިލެންޑްގެ މަޝްހޫރު ހޮޓެލް އަދި ޕްރޮޕަޓީ ޑިވެލޮޕްމެންޓް ކުންފުނިތަކުގެ ތެރެއިން އެއް ކުންފުނިކަމަށްވާ ދުސިތު އިންޓަރނޭޝަނަލް ބުރޭންޑުގެ ރިސޯޓެކެވެ. މި ރިސޯޓް ތަރައްޤީކޮށްފައިވަނީ މާލެ އަތޮޅު ފޭދޫ ފިނޮޅުގައެވެ.

ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ ދޫސިތު ޑީ2 ބްރޭންޑެޑް ރިސޯޓްގައި 127 ވިލާ ހުރެއެވެ. އޭގެތެރޭގައި ބީޗް ފްރޮންޓް ވިލާތަކާއި، އޯވަރ ވޯޓަރ ވިލާތައް ހިމެނެއެވެ. މީގެ އިތުރުން، ތަފާތު އެކި ކަހަލަ ކެއުންތައް ލިބޭ 5 ރެސްޓޯރެންޓާއި، ސްޕާގެ ޚިދުމަތުގެ އިތުރުން ކިޑްސް ކްލަބެއްވެސް މި ރިސޯޓްގައި ހުރެއެވެ.

މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސްޕީޑް ބޯޓުގައި 7 މިނެޓުގެ ދަތުރަކުން ދެވޭ ރިސޯޓެކެވެ. އަދި މި ރިސޯޓުން ފަތުރުވެރިންނަށް ތަފާތު ގިނަ ތަޖުރިބާތަކެއް ކުރެވޭނެކަމަށާއި، ރިސޯޓް ތަރައްޤީކޮސްފައިވަނީ ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތަކާއި، ސަޤާފަތް ދައްކުވައިދޭފަދަ ގޮތަކަށްކަމަށް އެކުންފުނިން ބުނެއެވެ.

ދުސިތު އިންޓަރނޭޝަނަލް ބުރޭންޑުގެ ރިސޯޓެއް މިހާރުވެސް ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ. އެއީ މާޅޮސްމަޑުލު ދެކުނުބުރީ މުއްދޫގައި ހިންގާ ދުސިތު ތާނީ މޯލްޑިވްސް ރިސޯޓެވެ.

ދުސިތު އިންޓަރނޭޝަނަލުން މިހާރުވެސް އަންނަނީ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގައި 57 ޕްރޮޕަޓީ މެނޭޖްކުރަމުންނެވެ. އެގޮތުން މިހާރުވެސް އެކުންފުނިން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 60 ޕްރޮޕަޓީއެއް ޤާއިމްކުރަމުންނެވެ.